ދިވެހި ފުލުހުންގެ ކޮމިޝަނަރު ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އައްޔަނު ކުރަން ނިންމައިފި އެވެ.

އެ މަގާމަށް ނަވީން އައްޔަނުކުރަން ނިންމާފައިވާކަން ކަށަވަރުކުރެވިފައިވާއިރު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން މިއަދުގެ ވަގުތެއްގައި އައްޔަނުކުރާނެ އެވެ.

ފުލުހުންގެ ކޮމިޝަނަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝަމީމް ވަނީ ކުރިމަތިލައްވާފަ އެވެ. އެ ތިން ބޭފުޅުންނާ ވެސް ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ދީފައިވާ މާކްސް ޖޫން މަހުގެ 6 ވަނަ ދުވަހު ވަނީ ފޮނުވައިފަ އެވެ.

ފުލުހުންގެ ހިދުމަތާ 2006 ވަނަ އަހަރު ގުޅިވަޑައިގެން ނަވީން ވަނީ ފުލުހުންގެ ހެޑް އޮފް ހިއުމަން ރިސޯސް ޑިޕާޓުމެންޓާއި ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސްގެ މަގާމުގެ އިތުރުން ފޮރެންސިކް ސާވިސް ޑައިރެކްޓޮރޭޓުގެ ވެރިޔާގެ މަގާމު ފުރުއްވައިފަ އެވެ.

މީގެ އިތުރުންވެސް ނަވީން އަކީ ގާނޫނީ ދާއިރާއިންނާއި ލީޑަޝިޕްގެ ދާއިރާއިން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން މަތީ ތައުލީމު ހާސިލު ކުރައްވައިފައިވާ ފަރާތެކެވެ.

ފުލުހުންގެ ކޮމިޝަނަރު ކަމުގައި ކުރިން ހުންނެވި އަލީ ސުޖާއު އިސްތިއުފާ ދެއްވުމުން ފުލުހުންގެ ހިދުމަތް ހިންގެވުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ.

ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އެ ނިންމުން ބަދަލުކުރައްވާ ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާ ވަނީ ހަވާލުކޮށްފަ އެވެ.