ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ ބުނުމަކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ، ސަރުކާރުން ވަނީ އދ. އަށް ސިޓީއެއް ފޮނުވައިފަ އެވެ.
އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ، މާގަރެޓް ސެޓާވައިޓުއަށް ފޮނުވި ސިޓީގައި ސަރުކާރުން ބުނެފައިވަނީ ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކޮށްފައި ވަނީ ގާނޫނުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ. އެ ސިޓީގައި، ފަނޑިޔާރުން ސަސްޕެންޑުކުރުމާއި ވަކިކުރުމާ ހަމައަށް ކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލު ހިމަނާފައިވެ އެވެ.
އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަނޑިޔާރުންގެ މައްސަލަތައް ބެލުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލަތައް ބެލުން ހިމެނެ އެވެ.
ސަރުކާރުން ބުނެފައިވަނީ ފަނޑިޔާރުންގެ ފަރާތުން ހާއްސަ ރެޕަޓުއާއަށް ލިބިފައި ހުރީ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ. އަދި އޭސީސީއާއި ޖޭއެސްސީން މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.
ސިޓީގައި ސަރުކާރުން ވަނީ ވަކިވަކި ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބަންޑާރަނައިބު އުޝާމް ނުފޫޒު ފޯރުވި ކަމަށް ކުރެވުނު ތުހުމަތުތަކަށް ވެސް ޖަވާބުދާރީވެފައިވެ އެވެ. ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމާއި މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގައި އަމަލުކުރި ގޮތް ވެސް ސަރުކާރުން ވަނީ ސިޓީގައި ދިފާއުކޮށްފަ އެވެ.