ލޯބީގެ މައްސަލައެއްގައި ފުވައްމުލަކުގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ދީފި ޒަޚަމްކޮށްލައިފި އެވެ.
އެރަށުން "ހުރިހާ"އާ ވާހަކަދެއްކި މީހަކު މިއަދު ބުނިގޮތުގައި މި މަރާމާރީ ހިންގީ އެރަށުގެ ފުނާޑު އަވަށުގެ ޒުވާނަކު ހޯދަޑު އަވަށަށް ގެންގޮސް، އެ އަވަށުގެ އަނދިރި ގޯޅިއަކަށް ވައްދައިގެންނެވެ.
"މި މާރާމާރީގައި އަނިޔާވި ޒުވާނާ ވަޒީފާ އަދާކުރަނީ ރިސޯޓެއްގައި. ދާދިފަހުން އޭނާ ޗުއްޓީއަކަށް ރަށަށް އައިސް އުޅެނިކޮށް އަތުލައިގެން ގެންގޮސް އަނިޔާކުރި ކަމަށް ވަނީ،" އެ މީހާ ބުންޏެވެ.
ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި މީހެއްގެ ގައިގައި ޖަހާ، މާރާމާރީ ހިންގާފައިވާ މައްސަލަ ރޭ 8:54 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.
މި މަރާމާރީގައި 18 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި، އޭނާ އަށް ލިބުނު އަނިޔާތަކުގެ ތެރޭގައި ބޭރުފުށުން ފެންނަން ހުރި އަނިޔާގެ ތެރެއިން ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސް ކަނާތު ކޯމަތި ދުޅަވެ އިތުރު ކުދި އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި އަނިޔާތަކަށް ފަރުވާ ދިނުމަށް އޭނާ އައްޑޫއަށް ގެންގޮސްފައިވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.