އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް، މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހުމަދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި އެވެ.
ޝެއިޚް ފަރީދުގެ ޖަނާޒާ ރާއްޖޭގައި ބާއްވަން ހަށިގަނޑު މާލެ ގެންނަން އާއިލާއިން މަސައްކަތްކުރި ނަމަވެސް، ހަށިގަނޑު މެލޭޝިއާ އިން ގެންނަ ނަމަ، ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އާއިލާއިން އެކަން ކުރަން ބޭނުން ނުވީ އެވެ. އެހެންވެ، އާއިލާއިން ވަނީ ޝެއިޚްގެ ޖަނާޒާ މެލޭޝިއާގައި މިއަދު ބާއްވަން ނިންމާފަ އެވެ. މެލޭޝިއާގައި ޝެއިޚް ގެ މައްޗަށް ކަށުނަމާދު ކުރާނީ މެންދުރު ނަމާދަށް ފަހު އެވެ.
ރާއްޖޭގައި ޝައިޚުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝައިޚު ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދާތީ، ޝައިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދުކުރަން ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.
އެހެންކަމުން މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ޝައިޚު ފަސްދާނުލައިފިނަމަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝައިޚުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް ޚިދުމަތް ޖަމިއްޔާގެ ވަފްދަކާއެކު މެލޭޝިޔާ އެއާޕޯޓަށް ވަޑައިގަތްތަނާ ޝައިޚް ފަރީދު ވެއްޓި ނޭވާލާން އުނދަގޫތަކެއް ކުރިމަތިވި އެވެ. އެއަށްފަހު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ އަވަހާރަވެފަ އެވެ.
ޝައިޚް ފަރީދަކީ ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ދަތިހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ހުންނެވި ބޭފުޅެކެވެ.
ޝައިޚް ފަރީދަކީ ގަތަރުން ދީނީ ރޮގުން މަތީ ތައުލީމް ހާސިލުކުރެއްވި ޝައިޚް ފަރީދަކީ ދެހާހުގެ ކުރީކޮޅު ދީނީ ރޮނގުން މީހުން ހޭލެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.