މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހުމަދުގެ ޖަނާޒާ މެލޭޝިއާގައި މިއަދު މެންދުރު ބާއްވައިފި އެވެ.

ޝައިޚް ފަރީދުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މެންދުރު ނަމާދަށްފަހު، މެލޭޝިއާގެ ސައިބަޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މަސްޖިދުގަ އެވެ. އިމާމްވެ ކަށުނަމާދު ކުރެއްވީ ޝެއިޚް ފަރީދުގެ ކޮއްކޮ އަދި ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދެވެ.

މި ޖަނާޒާގައި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންނާއި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި މެލޭޝިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

ޝެއިޚް ފަރީދުގެ ޖާނާޒާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން މިސްކިތަށް ޖަމާވެފައި. ފޮޓޯ: ހުރިހާ

މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް ޚިދުމަތް ޖަމިއްޔާގެ ވަފްދަކާއެކު މެލޭޝިޔާ އެއާޕޯޓަށް ވަޑައިގެންނެވިތަނާ ޝައިޚް ފަރީދު ވެއްޓި ނޭވާލާން އުނދަގޫތަކެއް ކުރިމަތިވި އެވެ. އެއަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ އަވަހާރަވެފަ އެވެ.

ޝެއިޚް ފަރީދުގެ ޖަނާޒާ ރާއްޖޭގައި ބާއްވަން ހަށިގަނޑު މާލެ ގެންނަން އާއިލާއިން މަސައްކަތްކުރި ނަމަވެސް، ހަށިގަނޑު މެލޭޝިއާ އިން ގެންނަ ނަމަ، ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އާއިލާއިން އެކަން ކުރަން ބޭނުން ނުވީ އެވެ.

އެއާއެކު ރާއްޖޭގައި ޝައިޚުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝައިޚު ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދާތީ، ޝައިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދުކުރަން ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.

ޝައިޚް ފަރީދުގެ މައްޗަށް ކަށުނަމާދު ކުރުމަށްފަހު ސަންދޯއް ސަހަރާއަށް ގެންދަނީ. ފޮޓޯ: ހުރިހާ

އެހެންކަމުން މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ޝައިޚު ފަސްދާނުލައިފިނަމަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝައިޚުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝައިޚް ފަރީދަކީ ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ދަތިހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ހުންނެވި ބޭފުޅެކެވެ.

ގަތަރުން ދީނީ ރޮގުން މަތީ ތައުލީމް ހާސިލުކުރެއްވި ޝައިޚް ފަރީދަކީ ދެހާހުގެ ކުރީކޮޅު ދީނީ ރޮނގުން މީހުން ހޭލެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.