އެމެރިކާގެ ލޮސް އޭންޖަލަސްގައި ކުރިއަށްދާ މުޒާހަރާތަކުގެ ސަބަބުން އެ ސަރަހައްދުގެ މޭޔަރު ކަރެން ބާސް އެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފި އެވެ.
މި ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައިވަނީ ރޭގަނޑު 8 އިން ހެނދުނު 6 އާއި ހަމައަށެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތާ އެއްގޮތަށް އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހުން އެ ގައުމުން ފޮނުވާލުމަށް ޔޫއެސް އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް) އިން ލޮސް އޭންޖަލަސް ގައި ކުރިއަށްގެންދާ އޮޕަރޭޝަނާއި ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކެކެވެ.
މި މުޒާހަރާތަކުގެ ތެރެއިން ވައްކަމާއި ފޭރުން އާއްމުވުމުގެ ސަބަބުން ބާސް އިއުލާނުކުރި ކާފިއު ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ.
މި މުޒާހަރާތަކުގައި ފުލުހުންނާއި އާއްމުންގެ މެދުގައި ހަމަނުޖެހުންތައް ހިނގާފައިވާއިރު، މުޒާހަރާ ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުގެ ނޭޝަނަލް ގާޑާއި މެރިން އޮފިސަރުން ވެސް ވަނީ ނެރެފަ އެވެ.
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޓްރަމްޕްގެ ސަރުކާރަށް އަމާޒުވެފައިވާއިރު، ލޮސް އޭންޖަލަސްގެ މޭޔަރު ކަރެން ބާސް ވިދާޅުވީ މުޒާހަރާ މަތަކުރުމަށް ސްޕެޝަލް ފޯސް ނެރުމުގެ ބޭނުން ނުވިސްނޭ ކަމަށާއި، މުޒާހަރާތައް ކުރިއަށް ދިޔައީ 5 ވަރަކަށް މަގުގައި ވަރަށް އަމާންކަމާއެކު ކަމަށްވާއިރު، ފުލުހުންނަށް އެކަނި ވެސް މި މުޒާހަރާތައް މަތަކުރެވޭނެ ކަމަށެވެ.
މުޒާހަރާތަކުގައި މިހާތަނަށް އިއްޔެ އެކަނިވެސް 197 މީހަކު ހައްޔަރުކޮށްފައިވާއިރު، އައިސް އިން އަންނަނީ ކޮންމެ ދުވަހެއްގެ މައްޗަށް 2،000 ވުރެ ގިނަ ހިޖުރަވެރީން ހައްޔަރު ކުރަމުންނެވެ.
މިއީ ގާނޫނާއި ހިލާފު ލާއިންސާ ކަމެއް ކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ނިމިދިޔަ ޖޯ ބައިޑެން ގެ ސަރުކާރުން ވެސް އެވަރެޖްކޮށް ދުވާލަކު 311 ހިޖުރަވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.
މި މުޒާހަރާތައް މިހާރު ލޮސް އޭންޖަލަސްގެ އިތުރުން ނިޔުޔޯކާއި، އެޓްލާންޓާއި ޝިކާގޯގައި ވެސް ކުރަމުން އަންނައިރު، އެގައުމުގެ 1878 ވަނަ އަހަރު އުފެދުނު ގާނޫނުގެ ދަށުން، ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތަށް ސްޕެޝަލް ފޯސްއިން ބާރު ފޯރުވާކަމުގެ ބިރު އޮތްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މި ގާނޫނުގެ ދަށުން ނޭޝަނަލް ގާޑް ހިމެނޭހެން އެމެރިކާގެ އަސްކަރިއްޔާ އަށް ގާނޫނު ތަންފީޒު ކުރުމަށް ކުރާ އެއްވެސް މަސައްކަތެއްގައި ބައިވެރިވުން މަނާވާނެ އެވެ.