ސަރުކާރުން ލޭ އެޅުމުގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކުގެ ތަފާސްހިސާބު ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކޮށްފި އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިކަން ހާމަކުރެއްވީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅުވައިގެން އެމްއެންޔޫގައި ބޭއްވުނު ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، މި ބަދަލާއެކު ލޭ ހަދިޔާކުރާ މިންވަރާއި ލޭ އެންމެ ބޮޑަށް ބޭނުންވާ ސަރަޙައްދުތައް ފަސޭހައިން ދެނެގަނެވޭނެ ކަމަށެވެ. އަދި މިފަދަ މައުލޫމާތުގެ އަލީގައި ދިރާސާތައް ކުރިއަށް ގެންދިއުމަށާއި ގައުމީ ފެންވަރުގައި ލޭގެ ހިދުމަތާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން، ހަދިޔާކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ޒަމާނީ ޓެސްޓިން އުސޫލުތައް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަން މިނިސްޓަރު ހާމަކުރެއްވި އެވެ.
ލޭ ހަދިޔާކުރާ ފަރާތްތައް ކަނޑައެޅުމަށް އައު މިންގަނޑުތަކެއް މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ތަންފީޒުކުރަން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.