ބޮލީވުޑްގެ އެކްޓަރުން މަސައްކަތުގައި އުޅެންޖެހޭ ވަގުތާ ބެހޭގޮތުން އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ބަހުސެއް ކުރިއަށް އެބަދެ އެވެ.
މި ބަހުސް ފެށެން މެދުވެރިވީ ޝޫޓިންތަކުގައި އުޅެންޖެހޭ ވަގުތު އަށް ގަޑިއިރަށް ކުޑަ ނުކޮށްދީގެން ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ފިލްމެއް ދޫކޮށްލުމުންނެވެ.
ދާދި ފަހުން އަލަތު ދަރިފުޅު ވިހާފައިވާ ދީޕިކާ، ސަންދީޕް ވަންގާ ރެޑީގެ ފިލްމު "ސްޕިރިޓް" ދޫކޮށްލީ މަސައްކަތުގެ ވަގުތާއި އެނޫން ވެސް ބައެއް ކަންކަމަށް ދީޕިކާ ކަނޑައެޅި ޝަރުތުތަކަށް ސަންދީޕް އެއްބަސް ނުވުމުންނެވެ.
ދީޕިކާގެ މި ނިންމުމާއެކު ބޮލީވުޑްގެ ގިނަ ތަރިން ވަނީ އޭނާގެ ނިންމުމަށް ތައުރީފް ކޮށް ބޮލީވުޑް އެކްޓަރުންގެ މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ބެލެންސެއް އޮންނަން ޖެހޭ ކަމަށް ފާހަގަ ކޮށްފަ އެވެ.
ދީޕިކާއާ އެއްކޮޅަށް ޚިޔާލު ފާޅުކުރި ތަރިންގެ ތެރޭގައި މަނީ ރަތުނާމް، އަޖޭ ދޭވްގަން އަދި ނޭހާ ދުޕިއާ ފަދަ މަގުބޫލު ތަރިން ހިމެނެ އެވެ.
އެހެން ނަމަވެސް މިކަމުގައި ދީޕިކާއާ ހިޔާލު ތަފާތު އެކްޓަރުންތަކެއް ވެސް ބޮލީވުޑްގައި އުޅެ އެވެ. އޭގެ ތެރެއިން އެއް ތަރިއަކީ ޖެނީލިއާ ދޭޝްމުކް އެވެ.
ޖެނީލިއާ ބުނީ އޭނާގެ މަސައްކަތުގެ ވަގުތު ބައެއް ފަހަރު 12 ގަޑިއިރަށް ވެސް ދިގުދެމިގެންދާ ކަމަށާއި އެއީ އިންސާފުވެރި ވަގުތެއް ކަމަށް ދެކޭ ކަމަށެވެ.
ކޮންމެއަކަސް ބޮލީވުޑްގައި މި ބަހުސް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވެސް އަންނަނީ އެކްޓަރުންނަށް އިތުރު ލުއި ފަސޭހަތައް ދިނުމާމެދު ވިސްނަމުންނެވެ.