ހޮލީވުޑްގެ މަޝްހޫރު ތަރި މެތިއު ޕެރީއަށް ޑްރަގްގެ ބާވަތެއް ކަމަށްވާ ކެޓަމައިން ފޯރުކޮށްދިން ޑޮކްޓަރު އޭނާގެ ކުށަށް އިއުތިރާފް ވެއްޖެ އެވެ.
އެ މައްސަލައިގެ ޕްރޮސިކިއުޓަރުންނާ ހަވާލާދީ އިނގިރޭސި ނޫހެއް ކަމަށްވާ ވެރައިޓީއިން ބުނެފައިވަނީ މެތިއުއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި އެންމެ އިސް ޑޮކްޓަރު މިދިޔަ ހޯމަ ދުވަހު ކުށް ގަބޫލު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މެތިއު މަރުވުމުގެ ހަފްތާތަކެއް ކުރިން އޭނާގެ ގެއަށް ގޮސް ކެޓަމައިން އިންޖެކްޝަން މެތިއުގެ ހަށިގަނޑަށް ޖެހި ކަމަށް އެ ޑޮކްޓަރު ވަނީ އެއްބަސްވެފަ އެވެ.
ޑރ. ސެލްވެޑޯ ނަމަކަށް ކިޔާ އެ ޑޮކްޓަރުގެ އިއުތިރާފާއެކު އޭނާއަށް 40 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރިމަތިވެދާނެ ކަމަށް ބުނެވެ އެވެ.
މެތިއުގެ މަރުގެ މައްސަލާގައި ޑރ. ސެލްވެޑޯގެ އިތުރުން ވެސް އެހެން ފަސް ޑޮކްޓަރަކަށް ދައުވާ ކޮށްފައިވެ އެވެ. އެ ޑޮކްޓަރުންގެ ޝަރީއަތް ކުރިއަށް އޮތީ އެވެ.
މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގެ ތަރި މެތިއު މަރުވެފައި އޮއްވާ ފެނުނީ 2023 ވަނަ އަހަރު އޭނާ އުޅުނު ގެއިންނެވެ. އޭނާ މަރުވީ ކެޓަމައިން އޯވާޑޯޒް ވެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މަރުވުމުގެ ކުރިން މެތިއު ދިޔައީ ކްލިނިކަލް ޑިޕްރެޝަންއަށް ފަރުވާ ހޯދަމުންނެވެ. ކެޓަމައިންއަކީ ޑިޕްރެޝަންގެ އަލާމާތްތައް ކުޑަކޮށްދޭ ޑްރަގް އެކެވެ.