ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ މަޝްހޫރު ތަރިއަކީ ސަލްމާން ޚާން ކަމަށް އެ ދާއިރާގެ ގިނަ ފަންނާނުންނާއެކު މަސައްކަތް ކޮށްފައިވާ ކާޖޮލް ބުނެފި އެވެ.

ގަލަޓާ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ވަނީ ބޮލީވުޑްގައި އެންމެ ފުންނާބު އުސް އެކްޓަރުން ކަމަށްވާ އާމިރު ޚާން، ޝާހްރުކް ޚާން އަދި ސަލްމާން ޚާންއާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ކިޔައިދީފަ އެވެ.

ކާޖޮލް ބުނީ އާމިރުއާއި ޝާހްރުކް ޚާންއަކީ މަސައްކަތުގެ އަޚުލާގު ރަނގަޅު ތަރިން ނަމަވެސް މަޝްހޫރު ކަމުގައި އެ ދެތަރިންނަށް ވެސް ސަލްމާންއާ އަރާހަމަ ނުކުރެވޭނެ ކަމަށެވެ.

"މަސައްކަތަށް އާމިރުއާއި ޝާހްރުކް ޚާން ދޭ ސަމާލުކަމަކީ އެފަދަ ދެވަނައެއް ނެތް ކަމެއް. އެކަމަކު ސަލްމާންއަކީ ސަލްމާން. އެކަމާ ބަހުސެއް ނުކުރެވޭނެ،" ކާޖޮލް ބުންޏެވެ.

އެއާއެކު ސަލްމާން ވަނީ އަހަރުތަކުގެ ތެރޭގައި އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކަމަށާއި އޭނާގެ ފިލްމުތަކުގެ ކޮލިޓީ ކޮންމެ ގޮތަކަށް ހުރި ނަމަވެސް އެ ފިލްމުަތަކަށް ބޮޑު އާމްދަނީއެއް ލިބޭކަން ވެސް ކާޖޮލް ފާހަގަކުރި އެވެ.

"ކުޗް ކުޗް ހޯތާހޭ"، "ޕްޔާރު ކިޔާ ތޯ ޑަރްނާ ކިޔާ" އަދި "ކަރަން އަރުޖުން" ފަދަ ފިލްމުތަކަކީ ސަލްމާންއާއި ކާޖޮލް އެކުގައި މަސައްކަތްކުރި ބައެއް ފިލްމުތަކެވެ.

ކާޖޮލްއަކީ ބޮލީވުޑްގައި ނަން ހިނގާ މަޝްހޫރު ތިން ޚާނުންނާއެކު ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު މަދު ތަރިންގެ ތެރެއިން ތަރި އެކެވެ.