ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 8.9 އިންސައްތަ އިތުރުވެފަ އެވެ.
މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 961،560 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތް ހިމެނެ އެވެ. މިގޮތުން ޗައިނާއިން 127،702 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 117،953 އަދި އިނގިރޭސިވިލާތުން 104،098 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަނު، އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޓްޒަލޭންޑް އަދި އޮސްޓްރޭލިއާ ވެސް ވަނީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ފޮނުވާފަ އެވެ.
ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. މިގޮތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 72 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގަ އެވެ. އަދި 22.8 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގަ އެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތް ދެމުންދަނީ 175 ރިސޯޓާއި، 855 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓަލުންނެވެ.