ރާއްޖޭގެ މިއުޒިކަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އުސްހަކުރު އަހްމަދު ވަހީދު (މެލްބެ) 76، މިއަދު ނިޔާވެއްޖެ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބޭންޑްތައް އުފައްދައިގެން މިއުޒިކް ކުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ، މެލްބެ ނިޔާވީ ހިތުގެ ބައްޔާއި ކިޑްނީ ފެއިލްވެ ޑައިލަސިސް ހައްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.
މެލްބެގެ މައްޗަށް ކުރާ ކަށުނަމާދު އޮތީ މިއަދުގެ މެންދުރުގެ ނަމާދަށް ފަހު, އާސަހަރާ މިސްކިތުގަ އެވެ.
1960ގެ އަހަރުތަކުން ފެށިގެން މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވަމުން ގެންދެވި މެލްބެ ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ވިޔަފާރީގެ އުސޫލުން މިއުޒިކް ކުޅެން ފެށި ބޭންޑްތަކުގެ ތެރޭގައި ހިމެނޭ "ސިލޫޓްސް"ގައި އިސްދައުރެއް އަދާކުރައްވާފަ އެވެ.
ބޭރު މީހެއް ކަމަށްވާ މެލްބޭ ލިޔެފައިވާ މިއުޒިކް ކޯޑް ފޮތެއްގެ އެހީގައި އޭނާ ދިވެހީންނަށް މިއުޒިކް ކިޔަވައި ދެއްވާތީ "މެލްބެ"ގެ ނަމުން ނަންދެވުނު އަހުމަދު ވަހީދަކީ ގިނަ މިއުޒިކް އިންސްޓްރޫމަންޓަށް ވަރަށް ފަރިތަ ބޭފުޅެކެވެ.
މިއުޒިކުގެ އިތުރުންވެސް މެލްބެ އަކީ ހެލްތު މިނިސްޓްރީގައި ހެލްތު އެސިސްޓެންޓަކަށް ގިނަ އަހަރުތަކެއް ވަންދެން އުޅުއްވާ، ސިއްހީ ކަންކަމަށް އާއްމުން ހޭލުންތެރި ކުރުވުމަށާއި މަދިރި ނައްތާލުމުގެ ކެމްޕެއިން ފަދަ ގިނަ ކަންކަން ހިންގެވި ބޭފުޅެކެވެ.