ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމުކުރާ ކަރެކްޝަނަލް މަރުކަޒުތަކުގެ ގަވާއިދު އާންމުކޮށްފި އެވެ.
މި ގަވާއިދު އާންމުކުރެވުނީ، ދިގު މުއްދަތަށް ބަންދުކުރަންޖެހޭ ކުޑަކުދިން އިސްލާހުކުރުމުގެ މަގުސަދުގައި ގާއިމުކުރާ މަރުކަޒުތައް ހިންގާނެ އުސޫލުތައް ބަޔާންކުރުމަށެވެ. މި ކަރެކްޝަނަލް މަރުކަޒުތައް ހިންގުމުގެ ބާރު ލިބިގެންވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކުޑަކުދިން ބައިތިއްބުމަށް ދެ ބާވަތެއްގެ މަރުކަޒެއް ގާއިމުކުރެވޭނެ އެވެ. އެއީ ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގް ޓާމް ސެކިޔޯ ފެސިލިޓީ އެވެ. ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކަކީ ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި، ދިގު މުއްދަތަށް ބަންދުކުރަން ކޯޓުން ކަނޑައަޅާ ކުދިން ބައިތިއްބަން ހާއްސަކުރާ ތަންތަނެވެ. އަދި ލޯންގް ޓާމް ސެކިޔޯ ފެސިލިޓީތަކަކީ ޖިނާއީ ބޮޑެތި ކުށްކޮށްފައިވާ، އަދި މުޖުތަމައުން އެކަހެރިކޮށްގެން ގެންގުޅެންޖެހޭ ކުދިން ބައިތިއްބަން ހަދާ މަރުކަޒުތަކެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް، ބޮޑެތި މީހުން ބައިތިއްބާ ތަންތަނާ ވަކިން ޤާއިމުކުރަންޖެހެ އެވެ. މި މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ދީނީ، އިޖުތިމާއީ، ތައުލީމީ، ނަފްސާނީ، ސިއްހީ އަދި ޖިސްމާނީގޮތުން ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދޭން ވާނެ އެވެ.
މަރުކަޒުތަކުގެ ޒިންމާތަކުގެ ތެރޭގައި ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ އިތުރުން، މުޖުތަމައަށް އަލުން އަހުލުވެރިކުރުމަށް ތަފާތު ޕްރޮގްރާމުތައް ހިންގުން ހިމެނެ އެވެ. އަދި، ކަރެކްޝަނަލް ސާވިސަސްގައި ކުޑަކުދިންގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ ތަމްރީނު ލިބިފައިވާ ދެ ޖިންސުގެ އޮފިސަރުން ހިމެނޭ ޔުނިޓެއް ގާއިމުކުރަންޖެހެ އެވެ.
މިހާރު ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަންޖެހޭ އުމުރުފުރާ 15 އަހަރުން މަތި ނަމަވެސް، ސަރުކާރުން ވަނީ މި އުމުރު ކުޑަކުރުމަށް ނިންމައިފަ އެވެ.