ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އަހުމަދު ދާއޫދު މަގާމުން ވަކިކުރި ގޮތަށް، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށްވެސް ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން މިކަން ފާހަގަކުރެއްވީ އެމަނިކުފާނުގެ ސިޔާސީ ޕާޓީ، ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާއެއްގަ އެވެ. ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާނެއް ދިނުމުން، އެ މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށްވާ އަހުމަދު ދާއޫދު މަގާމުން ވަކިކުރެވުނީ، ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި އެކަން ފާހަގަކޮށްފައިވާތީ އެވެ.
ޔާމީން ވަނީ، ކޮމިޝަނުން ރިޕޯޓު ނެރުނު ނަމަވެސް ޔުމްނު ވެއްޓުނު ސަބަބު އަދިވެސް ސާފުނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މި ރިޕޯޓު އެކުލަވައިލެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ޔާމީން ފާހަގަކުރެއްވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޔުމްނުގެ މައްސަލަ ތަހުގީގުކުރަން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުންދަނިކޮށް، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން ގުޅުއްވުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ. އަދި ހާދިސާ ހިނގި ތަނަށް ހޯމް މިނިސްޓަރު އިހުސާން ޒިޔާރަތްކުރައްވައި އެ ވެށި ބެލުމާއި ފޮޓޯ ނެގުމުގައި ހަރަކާތްތެރިވެ ވަޑައިގަތުމަކީވެސް ގާނޫނުއަސާސީއާއި ފުލުހުންގެ ގާނޫނުގެ ދަށުން މިނިސްޓަރުގެ މަސްއޫލިއްޔަތެއް ނޫން ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ރައީސް ޔާމީން ގަބޫލުކުރައްވާ ގޮތުގައި، މި ދެ މިނިސްޓަރުން 'ބެހެން ނުޖެހޭ' ކަމަކާ ބެހުމުން އެކަން ފޮރުވަން އުޅުނީ ކީއްވެތޯ މިހާރުގެ ރައީސް މުއިއްޒު ސުވާލުކުރައްވަން ޖެހެ އެވެ.
ޔާމީން ވަނީ، މިހާރުވެސް އެ ދެ މިނިސްޓަރުން މަގާމުގައި ތިބެނީ ކީއްވެތޯވެސް ސުވާލު ކުރައްވާފަ އެވެ.
ރިޕޯޓުގައިވާ ގޮތުން، އަމީނާ ސުވާލުކުރުމުން އެ ހާދިސާ ހިނގުމުގެ ތިން ދުވަސް ކުރިން އޭނާ ރަސްމީ ދަތުރެއްގައި ބޭރުގައި ހުންނެވި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ލިބުނީ މީޑިއާތަކުން ކަމަށާއި، އޭގެ ފަހުން އޭނާއަށް ބޮޑުބޭބެ ކިޔާ އިޒުދިޔާން މުހައްމަދު ގުޅައި، މާންދޫގެދެކުނުގޭގެ ޓެރަހުގައި އޮތް އެއްވުމަކަށް ދިޔަ ކުއްޖަކު ފުރާޅެއް މައްޗަށް ވެއްޓުނު ވާހަކައެއްގެ ގޮތުގައި ހިއްސާކުރި ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.