ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު ފުރަތަމަ ފިލްމެއް ކުޅުނީ 5،000 ރުޕީސްއަށް ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގެ މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ އޭނާއަށް ފުރަތަމަ މުސާރަ ގޮތުގައި ފިލްމް ދީދާރުން ލިބުނީ 5001 ރުޕީސް ކަމަށެވެ.
ފަސްހާސް ރުޕީސްއިން ފެށި ކެރިއަރުގައި އަކްޝޭއަކީ މިހާރު އެންމެ ބޮޑު އަގު ނަގާ ބޮލީވުޑް ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އަކްޝޭ މިހާރު ފިލްމަކަށް 90 ކްރޯޑް ރުޕީސް ނަގަ އެވެ.
އަކްޝޭ ބުނީ އޭނާގެ ފިލްމީ މަސައްކަތުގައި މިހާތަނަށް އާދެވުމުގައި އޮތީ 70 އިންސައްތަ ނަސީބު ކަމަށާއި އަދި 30 އިންސައްތަ ބުރަ މަސައްކަތް ކަމަށެވެ. އަދި ފިލްމީ ދާއިރާއަށް އަލަށް ނުކުންނަ ޒުވާނުންނަށް އަކްޝޭ ވަނީ ހިތްވަރުދީފަ އެވެ.
ދާދިފަހުން ބޮލީވުޑްގެ ކޮމެޑީ ފިލްމް ފްރެންޗައިޒް އަދި އަކްޝޭ ޕްރޮޑިއުސްކުރާ ފިލްމް "ހޭރާ ފޭރީ"ގެ ތިންވަނަ ފިލްމުގެ ލީޑު ތަރިއެއް ކަމަށްވާ ޕަރޭޝް ރާވަލް ކުއްލި ގޮތަކަށް އެ ފިލްމު ދޫކޮށްލަން ނިންމުމުން އަކްޝޭގެ ގާނޫނީ ޓީމުން ޕަރޭޝްއާ ދެކޮޅަށް ކޯޓަށް ދިޔަ މައްސަލައާގުޅޭ ގޮތުން ވެސް އަކްޝޭ ވަނީ އެ އިންޓަވިއުގައި ވާހަކަ ދައްކާފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަކްޝޭ ބުނީ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށް އުންމީދު ކުރާ ކަމަށެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި އަކްޝޭ ވަނީ ކާމިޔާބު ފިލުމްތަކެއް ކުޅެފަ އެވެ. އެގޮތުން ހޭރާ ޕޭރީ، ވެލްކަމް، ހައުސްފުލް އަދި އޯއެމްޖީ ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
މިވަގުތު އަކްޝޭ ގެންދަނީ ޓެލްގޫ ފިލްމެއް ކަމަށްވާ "ކަންނައްޕާ"ގެ ރިލީޒްއަށް ތައްޔާރުވަމުންނެވެ. އެ ފިލްމްގެ ލީޑް ރޯލުން ވިޝްނު މަންޗޫ ފެނިގެންދާއިރު، އަކްޝޭ ފެނިގެންދާނީ ހާއްސަ ފެނިލުމެއްގެ ގޮތުގައި ކަމަށްވެ އެވެ.