ތެލަސީމިއާ ކުދިން ލިބުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭ 2 މީހުން ކައިވެނި ކުރާނަމަ ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭ ގޮތަށް ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު އެވެ.

އެ ގާނޫނުގެ 11 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް ހުށަހެޅި މި އިސްލާހުގައިވާގޮތުން ރާއްޖޭގައި ކައިވެނި ކުރުމުގެ ހުއްދައަށް އެދި ކާވެނީގެ ރަޖިސްޓްރާރަށް ހުށަހަޅަންވާނީ ތެލަސީމިއާއަށް ޓެސްޓް ކުރުމަށްފަހު އެ ޓެސްޓުގެ ނަތީޖާއާއެކު އެވެ.

އެ ދެމީހުންނަކީ ތެލަސީމިއާ ބަލި ހުންނަ ކުދީން ލިބުމުގެ ފުރުސަތު އޮތް ދެމީހުން ކަމަށް ޓެސްޓުން ދައްކާނަމަ، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ތައްޔާރުކުރާ ހާއްސަ ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ އެވެ. މި ޕްރޮގްރާމް ފުރިހަމަކުރަންޖެހޭ ފަރާތްތަކާއި އެ ޕްރޮގްރާމްގައި އެކުލެވެންޖެހޭ ބައިތައް ހިމަނަންވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.

ގާނޫނަށް މިފަދައިން އިސްލާހު ގެންނަން ނިންމާފައިވާއިރު، މިހާރުވެސް ފެމެލީ ކޯޓުގައި ކައިވެނި ކޮށްދެނީ ތެލެސީމިއާ ކާޑު ހުށަހެޅުމުންނެވެ.