މާ ގިނައިން ސްމާޓް ފޯނު ބޭނުންކުރާ މީހުންގެ މެދުގައި އާއްމު ވަމުން އަންނަ ކަށީގެ ބައްޔަކަށް "ވަޓްސްއެޕިޓިސް"ގެ ނަމުން ނަން ދީފި އެވެ.

އެކުވެރި އަރަބި އިމާރާތުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ޓީމަކުން ވަނީ ސްމާޓް ފޯނު ބޭނުން ކުރުން އިތުރުވަމުން ދިއުމާއެކު "ވަޓްސްއެޕިޓިސް"ގެ ކޭސްތައް އިތުރުވަމުން އަންނަ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ވަޓްސްއެޕިޓިސް"އަކީ ގިނައިރު ވަންދެން ފޯނާ ކުޅުމުގެ ސަބަބުން އިނގިލިތަކާއި އަތުގެ ކަށިގަނޑަށް ބާރުބޮޑުވެ، ހުޅުތަކުގައި ރިއްސުން ފަދަ ކަންކަމަށް މަގުފަހި ކުރުވާ ބައްޔެކެވެ.

އަޅާނުލާ ދޫކޮށްލައިފިނަމަ ދިގު މުއްދަތުގައި މި ބަލި އާތުރައިޓިސް (ރާއްޖެ ބަލި)އަށް ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.

މި ބައްޔަށް ވަޓްސްއެޕިޓިސްގެ ނަމުން ނަން ދީފައިވަނީ ސްމާޓް ފޯން ގެންގުޅޭ ގިނަ ބަޔަކު ބޭނުންކުރާ އެޕްލިކޭޝަންއެއް ކަމަށްވާ ވަޓްސްއެޕްއާ ގުޅުވައިގެންނެވެ.

ވަޓްސްއެޕްއަކީ މެސެޖިން އެޕްއަކަށްވާއިރު، އެ އެޕުން މެސެޖު ކުރުމަކީ އިނގިލިތަކަށް ވަރަށް ބާރުކުރާ ކަމެއް ކަން ފާހަގަ ކޮށްލެވެ އެވެ.

ހުރިހާ އުމުރެއްގެ މީހުންގެ ތެރޭގައި ވެސް މި ބަލި ފެނިފައިވާއިރު ބަލީގެ ނުރައްކާ އެންމެ ބޮޑީ ފުރާވަރު އުމުރުގެ ކުދިންނަށް ކަމަށް ބުނެވެ އެވެ. އެއީ އެ އުމުރުގެ ކުދިން ފޯނު ގެންގުޅުން ގިނަވީމަ އެވެ.