އިންސާނާގެ ބައޮލޮޖިކަލް އުމުރަކީ އެ މީހެއްގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތުގެ މިންގަނޑުން ކަނޑައަޅާ އުމުރެކެވެ. ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން އިންސާނާގެ އަސްލު އުމުރާއި ބައޮލޮޖިކަލް އުމުރުގައި ތަފާތުތަކެއް ހުރެ އެވެ.

ލަންޑަންގައި މަސައްކަތް ކުރައްވާ ލައިވް ކޯޗެއް ކަމަށްވާ އެސްޓީ ލަންޓޯސް ވަނީ އޭނާގެ އަމިއްލަ ތަޖުރިބާގެ އަލީގައި ބައޮލޮޖިކަލް އުމުރު ދަށް ކުރާނެ އުކުޅެއް ހިއްސާކޮށްފަ އެވެ. އެއީ ނާވަސް ސިސްޓަމް ރެގިއުލޭޝަން އެވެ.

ސ. ވިޔަފާރީގެ ދާއިރާ ދޫކޮށް ލައިފް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ ކީއްވެ؟

ޖ. ބުނެވިދާނެ އެއީ އެކަން ވާން އޮތް ގޮތޭ ވެސް. އަހަރެންގެ އަމިއްލަ ބައޮލޮޖިކަލް އުމުރު ހޯދުމުން އެނގުނު އަސްލު އުމުރަށްވުރެ މާ އަވަހަށް ހަށިގަނޑު މުސްކުޅިވާކަން. އެހެންވެ އެކަން ބަދަލު ކުރަން ނިންމައި އެކަމުގައި އެހެން މީހުންނަށް ވެސް އެހީވާން ގަސްދުކުރީ.

ސ. "ރެގިއުލޭޓަޑް ނާވަސް ސިސްޓަމް"އެއް ހުރުމަކީ ކޮބާ؟ މިއަދުގެ ހާސްކަން ބޮޑު ދުނިޔޭގައި އެކަން މުހިއްމުވަނީ ކީއްވެ؟

ޖ. އެއީ ނަފްސާނީ ނުވަތަ ޖިސްމާނީ ގޮންޖެހުންތަކާ ކުރިމަތިލުމަށްފަހު އާއްމު ހާލަތަށް މީހާ ދިއުމުގެ ގާބިލިއްޔަތުކަން ހުރުން. އެއީ އާއްމު ސިއްހަތު ރަނގަޅުވެ އެހެން މީހުންނާއެކު އޮންނަ ގުޅުންތައް ވެސް ރަނގަޅު ކޮށްދޭ ކަމެއް.

ސ. ބައޮލޮޖިކަލް އުމުރު ދަށް ކުރުމުގައި ގެންގުޅުނު އުކުޅުތަކަކީ ކޮބާ؟

ޖ. އެންމެ މުހިއްމު ކަމަކީ އަމިއްލަ ބާރުގައިވާ ކަންކަމަށް ސަމާލުކަން ދިނުން. އަހަރުމެން އެންމެންގެ ވެސް ޖެނެޓިކް ރިސްކްތައް ހުންނައިރު އެއީ ބާރު ފޯރުވޭނެ ކަންކަމެއް ނޫން. އެކަމަކު އާއްމު ސިއްހަތަށް ސަމާލުކަން ދިނުމާއި އަމިއްލަ ނަފްސާއެކު އޮންނަ ގުޅުން ރަނގަޅު ކުރުމާއި ނިދުމުގެ ރަނގަޅު އާދަތައް ގެންގުޅުމުގެ އިތުރުން ގުދުރަތީ މާހައުލުތަކުގައި ވަގުތު ހޭދަކުރުމަކީ ކުރެވިދާނެ ކަންކަން.

ސ. ޓެންޝަން އެންޑް ޓްރޯމާ ރިލީޒިން ކަސްރަތުތައް މަސައްކަތްކުރާ ގޮތް ކިޔައިދީފާނަންތަ؟

ޖ. އެންމެ ފުރަތަމަ ހަށިގަނޑު ދަމާލުން ފަދަ އާދައިގެ ކަސްރަތު ތަކުން ފަށާނީ. ދެން ވާހަކަ ދެއްކުމަކާ ނުލާ ހަށިގަނޑުގައިވާ ސްޓްރެސްއާއި އެ ނޫން ވެސް ނެގެޓިވް އެނާޖީ ކަސްރަތުތަކަކުން ބޭރު ކޮށްލާނީ.

ސ. "ޑިސްރެގިއުލޭޓަޑް ނާވަސް ސިސްޓަމް"އެއްގެ އަލާމާތްތަކަކީ ކޮބާ؟

ޖ. ނަފްސާނީ އަލާމާތްތަކުގެ ތެރޭގައި އެންޒައިޓީއާއި މޫޑް ސްވިންގްސްއާއި އުފާވެރި ކަމުގެ އިހުސާސް ނުކުރެވުން އަދި ހަނދާން ބަލިވުން ހިމެނޭ. އެއާއެކު ނިދަން އުނދަގޫވެ ވަރުދެރަވުމުގެ އިތުރުން މަސްގުޅަ ކެއުމާއި ހަޖަމުގެ މައްސަލަތައް އަދި އައްޔާއި އަޑުން އުނދަގޫ ވުމަކީ ވެސް އަލާމާތްތައް.