ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތްތެރިންގެ އުޖޫރަ ނުދީ އަޅުދާސް ކުރަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ތުހުމަތުކުރައްވައިފި އެވެ.
އޭނާ މިހެން ވިދާޅުވީ، ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޑްރޯންތަކަށް ހަރަދުކޮށްފައިވާ ކަމަށް ފާހަގަ ކުރައްވަމުންނެވެ.
މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި، ތައުލީމީ އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ އިތުރުގަޑީގެ އުޖޫރަ ދިނުމުގެ އުސޫލުތަކާއި، މަސައްކަތުގެ އިންސާފުވެރި މާހައުލެއް ގާއިމުކުރުމާ ގުޅޭ ގަރާރަކަށް ބަހުސްކުރައްވަމުން މެންބަރު މީކާއިލް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން 569.8 މިލިއަން ރުފިޔާ ތުރުކީގެ ޑްރޯންތަކަށް ހަރަދުކޮށްފައިވާ ކަމަށެވެ.
މި ފައިސާއިން ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ދިނުމުގެ އިތުރުން އިތުރުގަޑީގެ ފައިސާ ވެސް ދެވޭނެކަން މީކާއިލް ފާހަގަކުރެއްވި އެވެ.
ނަމަވެސް މިއަދު ރާއްޖޭގެ މަސައްކަތްތެރިންގެ އުޖޫރައާ މެދު ސުވާލު އުފައްދަމުންދާ ކަމަށާއި، އިތުރުގަޑީގެ ފައިސާ ލިމިޓްކޮށްފައިވާއިރު، ތައުލީމީ އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިން 12 ނުވަތަ 14 ގަޑިއިރު ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މިއީ "އަޅުދާސްތު ކުރުން،" ކަމަށް މެންބަރު މީކާއިލް ސިފަކުރެއްވި އެވެ.
މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ޕޭރޯލް 400 މިލިއަން ރުފިޔާ އިތުރުވެފައިވާކަން ފާހަގަކުރައްވައި، މެންބަރު މީކާއިލް ވިދާޅުވީ، މި ފައިސާ ހަރަދުކުރަމުން ދަނީ އެއްވެސް ތަޖުރިބާއެއް ނެތް، ތައުލީމެއް ނެތް އަދި ހުނަރެއް ނެތް ސިޔާސީ ބޭފުޅުންނަށް ކަމަށެވެ. މި މީހުންނަކީ ވަކި ސިޔާސީ ޕާޓީއެއްގެ މަންފާ ހާސިލް ކޮށްދިނުމަށް އަދި އެޖެންޑާ ފަތުރައި ދިނުމަށް އައްޔަން ކޮށްފައިވާ ސިޔާސީ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމެއް ބިނާކުރެވެނީ ތައުލީމީ ރަނގަޅު ބިންގަލެއް އެޅިގެން ކަމަށާއި، ބަލިވުމުން ދާނެ ރަނގަޅު ހޮސްޕިޓަލެއް ހުރެގެން ކަމަށް މެންބަރު މީކާއިލް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން މިކަންކަމަށް އިސްކަން ނުދޭ ކަމަށާއި، މިއީ މިލިޓަރީ ސްޓޭޓެއް ނޫން ކަމަށް ވެސް މީކާއިލް ފާހަގަކުރެއްވި އެވެ.
އެހެންކަމުން ރަނގަޅު ކަންކަމަށް އިންވެސްޓްކޮށް ގައުމުގެ މިސްރާބު ބަދަލުކުރުމަށް އޭނާ ގޮވާލެއްވި އެވެ.