އީރާނާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު އައްބާސް އަރަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ 4 ޖެހިއިރު، އީރާނުން އިޒްރޭލާ ދެކޮޅަށް ހިންގަމުން އައި އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލާފައިވާކަމަށެވެ.
މިއާއެކު އޭނާ ވަނީ އީރާނުގެ އަސްކަރިއްޔާއިން ކުރި ބުރަ މަސައްކަތައް ތައުރީފު ކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.
މިފަދައިން އީރާނުން ނިންމުމުގެ ކުރިން އެގައުމުން ވަނީ އެންމެ ފަހުވަގުތު ވެސް އިޒްރޭލަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާގައި އިޒްރޭލުގެ ދެކުނުގައި ހުރި އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މި އިމާރާތްތަކުގެ ދަށުން މިހާތަނަށް 4 ހަށިގަނޑު ވަނީ ފެނިފަ އެވެ.
އީރާނުން އިޒްރޭލަށް ހަމަލާދިނުން ހުއްޓާލާފައިވަނީ ދެގައުމުން ހަމަލާތައް ބަދަލުކުރުން ހުއްޓާލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިގޮތުން ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލަން ދެގައުމުން އެއްބަސްވެފައިވާކަމަށް ވިދާޅުވެ، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުން އީރާނާއި އިޒްރޭލަށް މަރުހަބާ ކިޔާފަ އެވެ. އަދި މިއީ އަބަދުވެސް ދެމި އޮންނާނެ އެއްބަސްވުމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މި ހަނގުރާމަ އަށް "12 ދުވަހުގެ ހަނގުރާމަ" ގެ ނަމުން ނަންދޭން ޖެހޭ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ހަނގުރާމަ ހުއްޓާލަން އިޒްރޭލުންވެސް އެއްބަސްވެފައިވާއިރު، އަރަގްޗީ ވިދާޅުވީ އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގަމުން އަންނަ ހަމަނުޖެހުންތައް ހުއްޓާލައިފިނަމަ އިތުރަށް ރައްދު ހަމަލާތައް ކުރިއަށް ގެންދިޔުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
އިރާނާއި އިޒްރޭލާ ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާއިން މިދިޔަ އާދިއްތަ ދުވަހު ވަދެ، އީރާނުގެ 3 ނިއުކްލިއާ މަރުކަޒަކަށް ހަމަލާދިނުމާ ގުޅިގެން އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފަ އެވެ.
މިކަމާ ގުޅިގެން ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ހަމަލާގެ ކުރިން އީރާނުން އެކަން އެމެރިކާ އަށް އެންގުމުން ޝުކުރުވެރިވާކަމަށާއި، އެކަމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ވިދާޅުވެފަ އެވެ.
މި ހަމަލާގެ ސަބަބުން ރޭގައި މެދު އިރުމަތީގެ ވައިގެ ސަރަހައްދުވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.