އަނބިމީހާ ޖާޔާ ބައްޗަންއާއި ދަނބިދަރިފުޅު އައިޝްވާރްޔާ ރާއީއަށް ފާޅުގައި ތައުރީފު ނުކުރާ ސަބަބު ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަން ބުނެދީފި އެވެ.

ސޯޝަލް މީޑިއާގައި ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަމީތާބު ބުނީ ޖާޔާއާއި އައިޝްވާރްޔާއަށް ފާޅުގައި ތައުރީފު ނުކުރަނީ އަންހެނުންނަށް ކުރާ އިހުތިރާމެއްގެ ގޮތުން ކަމަށާއި އެ މީހުންނަށް ތައުރީފު ކުރަނީ ހިތާހިތުން ކަމަށެވެ.

އަމީތާބު މިހެން ވާހަކަ ދައްކާފައި މިވަނީ މި ފަހުން އޭނާގެ ދަރިފުޅު އަބީޝޭކްގެ މަސައްކަތަށް ފާޅުގައި ތައުރީފު ކުރުމުން އެގޮތަށް އޭނާގެ އާއިލާގެ އަންހެނުންނަށް ތައުރީފު ނުކުރަނީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު ކުރަމުން ދަނިކޮށެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އަމީތާބު އޭނާގެ ފިިރިހެން ދަރިފުޅު އަބީޝޭކަށް ފާޅުގައި ތައުރީފު ކޮށްފައިވާއިރު އަންހެން ދަރިފުޅު ޝްވެތާ ބައްޗަންއާއި ޖާޔާ އަދި އައިޝްވާރްޔާގެ ވާހަކަ އޭނާ ދައްކަނީ ވަރަށް މަދުންނެވެ.

އަމީތާބުގެ އާއިލާ ތެރޭގައި އަންހެނުންނާ މެދު ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް މީގެ ކުރިން ވެސް އަޑުތައް އަރާފައިވާއިރު އެކަމަށް ސީދާ ގޮތެއްގައި އަމީތާބު ރައްދު ދީފައެއް ނުވެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު، އަމީތާބު އެންމެ ފަހުން ފެނިފައި ވަނީ ދީޕިކާ ޕަދުކޯންއާއި ރަޖްނީކާންތުއާއެކު ކަލްކީ 2898 އޭޑީ އިންނެވެ.