ޔޫމެޓް ކޮންސްޓްރަކްޝަނަށް ދޭންޖެހޭ އަދަދަށް ވުރެ އިތުރަށް 23 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދީފައިވާކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި އެކަމާ ގުޅޭ ރިފޯޓުގައި ބުނެފި އެވެ.

ޔޫމެޓަށް މިދިޔަ ސަރުކާރުން ބަދަލު ދިނި ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ބާތިލްކުރުމުންނެވެ. މާޗު 18، 2013 ކުރެންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާތީ، އެކަމުގެ ގެއްލުމުގެ ބަދަލު ހޯދަން ޔޫމެޓް ކޮންސްޓްރަކްޝަނުން ސަރުކާރަށް ހުށަހެޅިއެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ އިކޮނޮމިކް ކައުންސިލުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ސަރުކާރަށް ގެއްލުވާ ގޮތަށް ކަމަށެވެ. އެހެންކަމުން އިތުރަށް ދީފައިވާ އަދަދު އަނބުރާ ހޯދައި ދައުލަތުގެ ފައިސާ ނާޖައިޒް ގޮތުގައި ނެގުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

މިދިޔަ ސަރުކާރުގައި އިކޮނޮމިކް ކައުންސިލްގައި ތިއްބެވީ އޭރުގެ ރައީސް އޮފީސް މިނިސްޓަރު އަލީ ޝިޔާމާއި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

އެންމެ ގިނަވެގެން ވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޔޫމެޓަށް ނަގައިދޭން ޖެހޭނީ 2.7 މިލިއަން ރުފިޔާ ކަމަށް ވިޔަސް އޭފްރީލް 30، 2023 ގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 26 މިލިއަން ރުފިޔާ ދޭން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.