ގަވާއިދުން ކޮންމެ ދުވަހަކު ބޮޑުކަމުދާ މީހުން ގިނަ ނަމަވެސް ބައެއް މީހުންނަކީ ބޮޑުކަމުދިއުމުގައި އުނދަގޫތައް ކުރިމަތިވާ މީހުންނެވެ. އެފަދަ މީހުންނަށް ބޮޑުކަމު ނުދެވި އެތައް ދުވަހެއް ވެސްވެ އެވެ.

ކޮންމެ ދުވަހަކު ބޮޑުކަމުދިއުމަކީ އާއްމުކޮށް ގަބޫލުކުރެވޭ މިންގަނޑުން ބަލާއިރު ސިއްހަތު ރަނގަޅުވުން ކަމުގައި ދެކެވިފައި އޮންނައިރު އެކަން އެހެން ނުވާނަމަ ކަންބޮޑުވާން ޖެހޭތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ވިސްނަންވީ ކަމަކީ ބޮޑުކަމުދިއުމުގައި ވަކި ގަވާއިދުތަކެއް ނޯންނަ ކަމެވެ. އެއީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އުމުރާއި ޖިންސާއި ދިރިއުޅުމުގެ ވައްޓަފާޅިއާއެކު ތަފާތުވާ ކަމެކެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ދުވާލަކު ތިންފަހަރު ބޮޑުކަމުދިއުމުން ފެށިގެން ހަފްތާއަކު ތިން ފަހަރު ބޮޑުކަމުދިއުމަކީ ވެސް "އާދައިގެ" ސިއްހަތެއްގައި މީހާ ހުރިކަމުގެ އަލާމާތެކެވެ.

ކޮންމެ ދުވަހަކު ބޮޑުކަމު ނުދެވުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ވާއިރު އޭގެ ތެރޭގައި ކެއުމުގައި ފައިބާ ނުހިމެނުން، ޑީހައިޑްރޭޝަން، ކަސްރަތު ނުކުރުން، ބޮޑުކަމުދާން ޖެހޭ ވަގުތު އަޅާނުލުމުގެ އިތުރުން ސްރެސްއާއި އެންޒައިޓީ އަދި ބައެއް ބަލިތައް ހިމެނެ އެވެ.

ގަވާއިދުން ބޮޑުކަމުނުދެވުމަކީ އާއްމު ގޮތެއްގައި މައްސަލައަކަށް ނުވި ނަމަވެސް ބައެއް ހާލަތްތަކުގައި އެއީ ސިއްހީ ސަމާލުކަން ބޭނުންވާ ކަމެކެވެ.

އެގޮތުން ބޮޑުކަމު ނުދެވި ހަފްތާއަކަށް ވުރެ ގިނަ ދުވަސްވުމާއި ބޮޑުކަމުދާއިރު ތަދުވުމާއި ބޮޑުކަމުދާ ތަކެތީގައި ލޭ ހުރުން އަދި ސަބަބަކާ ނުލާ ބޮޑުކަމުދިއުމުގެ އާދަތައް ބަދަލުވާކަން ފާހަގަ ކުރެވޭނަމަ ސިއްހީ ލަފާ ހޯދަން ޖެހޭނެ އެވެ.

ބޮޑުކަމުދިއުމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް މުހިއްމު ކަމަކަށް ވާއިރު ބަނޑު ހަރުވުން ނުވަތަ ބަނޑު ދިޔާވުމަކީ ވެސް އަޅާނުލާ ދޫކޮށްލަންވާ ވަރުގެ ކަމެއް ނޫނެވެ.