އެމްޑީޕީގެ ދަނޑިކޮށި ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތާއި އެކު އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފި އެވެ.

އެމްޑީޕީގެ ދަނޑިކޮށި ހަރުގޭގައި ހެނދުނު ސަޔާ އެކު ދިދަ ނަންގަވައިދެއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. މި ހަރަކާތުގައި ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ގައުމީ މަޖިލީހުގެ މެމްބަރުން އަދި އެހެން އާންމު މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ދިދަ ނެގުމުގެ ހަރަކާތަށްފަހު އަހަރީ ދުވަހާއި ގުޅޭ ކޭކެއް ވެސް ފަޅާފައިވާއިރު، އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން މިއަދު މެންދުރުފަހު ފުޓްސަލް މުބާރާތަކާއި ޒުވާނުންގެ ރޫހުގެ ފަރާތުން މިރޭ އަލަށް ޕޮޑްކާސްޓެއް ވެސް ތައާރަފް ކުރުމަށް ވަނީ ނިންމާފަ އެވެ.

.އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މެންބަރުންނާއެކު ކޭކު ފަޅަނީ

މީގެ އިތުރުންވެސް 20 އަހަރު ފުރުމާއި ގުޅިގެން ރާއްޖޭގެ ކޮންމެ ސިޓީއެއްގައި ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާއިރު، ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގަ އެވެ. އަދި އެމްޑީޕީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި "ރަން ރީނދޫ" ގެ ނަމުގައި ޖުލައި 18، ގައި ދުވުމެއް ފަށަން ވަނީ ނިންމާފައިވާއިރު މި ހަރަކާތް ނިމޭނީ އަންނަ އަހަރު އެވެ.

ހަމައެއާއެކު މި ހަރަކާތްތަކުގެ އިތުރުން މިއުޒިކު ޝޯއަކާއި ކާނިވަލެއް އަދި އާޓު އެގްޒިބިޝަނެއް ބޭއްވުމަށް ހަމަޖެފައިވާ ކަމަށާއި އެކަންކަން ފައިނަލްވެގެން އަންނަވަރަކުން އިތުރު މައުލޫމާތު ދެމުންގެންދާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ދިޔަ ހެނދުނުގެ ސައި.

2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ރަޖިސްޓްރީ ކުރި އެމްޑީޕީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ އެވެ.

އޭގެ ފަހުން އެމްޑީޕީން ރާއްޖޭގެ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރި އިރު، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ވެސް ބޮޑު އަޣުލަބިއްޔަތެއް ވަނީ ހޯދާފަ އެވެ.