ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހުގެ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ދަތުރުފުޅުގެ ތައްޔާރީތައް ވާން ފަށާފައިވާއިރު އެމަނިކުފާނު ރާއްޖެ އަށް ވަޑައިގަންނަވާނީ ޖުލައި މަހުގެ ފަހު ހަފްތާގެ ތެރޭގަ އެވެ.
މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަމަށްވާއިރު، މި ދަތުރުފުޅާ ގުޅޭ ގޮތުން ސްރީ ލަންކާގެ ފޮރިން މިނިސްޓަރު ބުނީ ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަންނަވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަޑައިގަތުމަށް ހަމަޖެހިފައިވާ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 އަށް ފަހު ކަމަށެވެ.
ލަންކާގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ގުޅުންގާއިމު ކުރެވުނު ތާރީހު ކަމަށްވާ ޖުލައި 29 ވެސް ފާހަގަކުރެވިގެންދާނެ އެވެ. އަދި މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ މެދު މަޝްވަރާ ކުރެވިގެންދާނެ އެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި މިނިވަން ދުވަހަށް ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަންނަން ހަމަޖެހިފައިވާކަމަށް ރިޕޯޓްތައް ބުނި ނަމަވެސް މިކަން ވެސް ސަރުކާރުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.