އަންނަ މަހުން ފެށިގެން މެލޭޝިޔާގައި ތައުލީމު ހާސިލު ކުރާ ބޭރުގެ ދަރިވަރުންގެ އަތުން 6 ޕަސެންޓްގެ ޓެކުހެއް ނަގަން ވަނީ ނިންމާފައި. އެގޮތުން، ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ކަނޑައަޅާފައިވާ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ވަނީ ލާޒިމުކޮށްފައި. މެލޭޝިއާ ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން. އަދި ބައެއް ދަރިވަރުން ވަނީ އަންނަ އަހަރުން ފެށިގެން މެލޭޝިއާގެ ކޯސް މެދުކަނޑާލައި އެހެން ގައުމުތަކަށް ބަދަލުވުމަށް މަސައްކަތް ކުރަމުން.

ދެހާހެއްހާ ދިވެހި ދަރިވަރުން ކިޔަވާ، މެލޭޝިޔާގެ ސަރުކާރުން ޓެކްސްއަށް ގެނައި ބަދަލާ ގުޅިގެން ބޭރުގެ ދަރިވަރުންގެ ކިޔެވުމުގެ ހަރަދު އެތައް ގުނައެއް ބޮޑުވެއްޖެ އެވެ.

މެލޭޝިޔާގައި އަމިއްލަ ކުންފުނިތަކުން ހިންގާ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތައުލީމު ހާސިލުކުރާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ އަތުން ހަ ޕަސެންޓްގެ ޓެކުހެއް ނެގުމަށް ވަނީ ނިންމާފަ އެވެ. އެފަދަ ޓެކުހެއް ނަގަނީ އެ ގައުމުގައި މުދަލާއި ހިދުމަތުން ނަގާ ސޭލްސް އެންޑް ސާވިސް ޓެކުސް (އެސްއެސްޓީ) ބޮޑުކުރުމުންނެވެ.

މިއީ މެލޭޝިއާގެ ޓެކްސްގެ ނިޒާމު ހަރުދަނާކޮށް، އާމްދަނީ އިތުރު ކުރާއިރު މެލޭޝިއާގެ ރައްޔިތުންނަށް އަސަރު ނުކުރާ ގޮތަށް ތައާރަފްކުރާ އާ ޓެކުހެކެވެ. އެގޮތުން، ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ކަނޑައަޅާފައިވާ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ވަނީ ލާޒިމުކޮށްފަ އެވެ.

އަންނަ ޖުލައި 1 ވަނަ ދުވަހު އެ އާ އިސްލާހުތަކަށް އަމަލު ކުރަން ފަށާނެ ކަން ވެސް އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މީގެ ތެރޭގައި މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ އިތުރުން ޕްރީސްކޫލްތަކާއި އެހެނިހެން މަދަރުސާތައް، އަދި ބަސް ދަސްކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ގައުމުތަކުގެ ދަރިވަރުން ވެސް އެ ޓެކުސް ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އެ ތަންތަނުގައި ކިޔަވާ މެލޭޝިއާގެ ދަރިވަރުންނަށް އެ ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މެލޭޝިއާއިން 2015 ވަނަ އަހަރު އެކުލަވާލި އެޑިއުކޭޝަން ތަރައްގީ ކުރުމުގެ ގައުމީ ޕްލޭންގެ ދަށުން، މި އަހަރުގެ ނިޔަލަށް ބޭރުގެ 250،000 ދަރިވަރުންނަށް އެ ގައުމުގައި ކިޔެވުމުގެ ފުރުސަތު ދިނުމުގެ އަމާޒެއް ވަނީ ކަނޑައަޅައިފަ އެވެ.

މި އަހަރު ނިމުމުގެ ކުރިން މެލޭޝިޔާގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތައުލީމު ހާސިލު ކުރާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ އަދަދު 250,000 އަށް ވުރެ އިތުރު ކުރުމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން އޮތީ އަމާޒެއް ކަނޑައަޅާފަ އެވެ. ނަމަވެސް މި ބަދަލާ ގުޅިގެން އެ ލަނޑިދަނޑި ހާސިލު ކުރެވުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މެލޭޝިއާގައި ހުންނަ އިނގިރޭސިވިލާތުގެ ބްރިޓިޝް ކައުންސިލުން ވަނީ މެލޭޝިޔާ ސަރުކާރުގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކައުންސިލުން ބުނީ، މެލޭޝިޔާގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން ކޮންމެ އަހަރަކު އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ދަރިވަރުން މެލޭޝިޔާގެ މަރުކަޒުތަކަށް ފޮނުވަމުންދާ ކަމަށެވެ. އަދި، އެ ފަދަ ދަރިވަރުންގެ އަތުން އައު ޓެކުހެއް ނެގުމަށް ނިންމުމާ ގުޅިގެން، އެ ގައުމުގައި މަތީ ތައުލީމު ހާސިލު ކުރުމަށް އޮތް ޝައުގުވެރިކަން ގެއްލިގެންދާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.

މެލޭޝިޔާގެ އެކި ޔުނިވާސިޓީތަކުގައި ދެހާހެއްހާ ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ކަމަށްވެ އެވެ. މިކަމުގެ ސަބަބުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނާއި ކިޔަވާ ކުދިންގެ ހަރަދުތައް ވެސް އެތައް ގުނައެއް ބޮޑުވެ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެ އެވެ.

ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ތެރެއިން ކިޔަވައިދިނުމަށާއި އެނޫން ވެސް އެކި ބޭނުންތަކުގައި އެންމެ ގިނަ ދިވެހީން މިހާރު އުޅެނީ މެލޭޝިޔާގަ އެވެ.

ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިކަމަށް ހަލެއް ގެނައުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވެ އެވެ.

މެލޭޝިއާ ސަރުކާރުން މި ބަދަލު ގެނައިއިރު، އެ ގައުމުގެ ގިނަ އަދަދެއްގެ ޔުނިވާސިޓީތައް ގުޅިގެން މާލޭގައި ޕްރޮމޯޝަންތައް ހިންގަން އެކި ނަންނަމުގައި އެޑިއުކޭޝަން ފެއާތައް އަންނަނީ ބާއްވަމުންނެވެ.

މެލޭޝިއާ ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ދަރިވަރުން ވަނީ އަންނަ އަހަރުން ފެށިގެން މެލޭޝިއާގެ ކޯސް މެދުކަނޑާލައި އެހެން ގައުމުތަކަށް ބަދަލުވުމަށް މަސައްކަތް ކުރަމުންނެވެ.