ރ. ފައިނުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުން އިތުރު ފަރުވާއަށް މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ލައިސަންސް ނެތް ކުޑަކުއްޖަކު ދުއްވި ސައިކަލެއް ފައިނު ސްކޫލުގެ ޕްރިންސިޕަލް އަދި ޓީޗަރެއްގެ ގައިގައި ޖެހުމާ ގުޅިގެންނެވެ. މިހާދިސާގައި ސައިކަލު ދުއްވި 16 އަހަރުގެ ކުޑަކުއްޖާގެ ފަހަތުގައި އިން 14 އަހަރުގެ ކުޑަކުއްޖާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ.
މި އެކްސިޑެންޓްގައި އަނިޔާވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ އެރަށު ސްކޫލްގައި އިސްލާމް މާއްދާ ކިޔަވައިދެމުން އަންނަ 49 އަހަރުގެ ޓީޗަރަށާއި، އަދި ސައިކަލުގެ ފަހަތުގައި އިން އެ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ 14 އަހަރުގެ ކުއްޖާގެ އިތުރުން ގްރޭޑް 10 މި އަހަރު ނިންމި 16 އަހަރުގެ ކުއްޖާއަށެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ އެމީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށާއި، އެމީހުންގެ ހާލު ސީރިއަސް ކަމަށެވެ.
އެކްސިޑެންޓް ގައި އަނިޔާވި ޕްރިންސިޕަލަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އެކްސިޑެންޓް ހިނގާފައިވަނީ ޕްރިންސިޕަލާއި ޓީޗަރު ކަސްރަތަށް ނިކުމެ އުޅެނިކޮށް، ދެ ކުދިން ތިބި ސައިކަލުން އައިސް އެމީހުން ގައިގައި ޖެހިގެންނެވެ.