ދިގު ނުވަ އަހަރަށްފަހު އެންމެ ފަހުން މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީއާއި އެކްޓަރު އޯލޭންޑޯ ބްލޫމްގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފި އެވެ.
ކޭޓީއާއި އޯލޭންޑޯގެ ގުޅުން ނިންމާލާފައިވާކަން ޕީޕަލްސް މެގަޒިންއިން ޔަގީން ކޮށްދީފައިވާއިރު އެކަން ޔަގީން ވެފައި މިވަނީ ދުވަސްތަކެއް ވަންދެން އެ ވާހަކަ މީޑިއާގައި ދެކެވުމަށްފަހު އެވެ.
އެ ދެމީހުންގެ ގުޅުން ނިމުނުކަން ހާމަވެފައވާއިރު ކޭޓީ މިވަގުތު އުޅެނީ އޭނާގެ އޮސްޓްރޭލިއާ ޓުއާގަ އެވެ. އޯލޭންޑޯ އެންމެ ފަހުން ފެނުނީ މަހުޖަނު ޖެފް ބެޒޯސްގެ ކައިވެނިންނެވެ.
ބުނެވޭ ގޮތުގައި އެ ދެމީހުންގެ ގުޅުމުގައި ކުނި ޖެހެން ފެށީ މިއަހަރުގެ ކުރީކޮޅު ކޭޓީ ޖައްވަށް ކުރި ދަތުރުގެ ފަހުންނެވެ. އޭގެ ފަހުން ދެތަރިންގެ މެދުގައި މައްސަލަތައް އުފެދުނު ކަމަށްވެ އެވެ.
2016 ވަނަ އަހަރު އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނު ކޭޓީއާއި އޯލޭންޑޯގެ ގުޅުމުގައި އަޑިގުޑަންތަކެއް އައެވެ. އެގޮތުން 2017 ވަނަ އަހަރު ކުޑަ ދުވަސްކޮޅަކަށް ވަކިވުމަށްފަހު އަލުން ގުޅުނީ 2018ގަ އެވެ.
އޭގެ ފަހުން 2019 ވަނަ އަހަރު ލޯބިވެރިންގެ ދުވަހާ ގުޅިގެން އޯލޭންޑޯ ކޭޓީއަށް ކައިވެނި ހުށައެޅިއިރު ކައިވެނީގެ ކަންކަން މަޑުޖެހުނީ ކޮވިޑް 19 ޕެންޑެމިކްގެ ސަބަބުންނެވެ.
ކޭޓީ އައީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އޭނާއާއި އޯލޭންޑޯގެ ގުޅުމުގެ ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާގެ ޒާތީ ދިރިއުޅުމާމެދު ހިތްހަމަޖެހޭ ކަމަށް އިންޓަވިއުއެއްގައި އޭނާ ބުނެފައިވެ އެވެ.
ނުވަ އަހަރަށްފަހު ކޭޓީއާއި އޯލޭންޑޯ ވަކިވިއިރު އެ ދެމީހުންގެ އަންހެން ދަރިއަކު ވެސް ހުރެ އެވެ.