އެއްއިރެއްގައި ސަރަހައްދުގެ އެންމެ ބޮޑު ޝިޕިން ލައިނުގެ ގޮތުގައި އޮތް ރާއްޖޭގެ ރަސްމީ ޝިޕިން ލައިން ބަނގުރޫޓުވެ ދިޔައީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ޒިންމާ އުފުލަން ޖެހެނީ ކާކު ހެއްޔެވެ؟ މިއީ ގިނަ ބަޔަކު ކުރަމުން ގެންދާ އެތައް އަހަރެއްވީ ސުވާލެކެވެ. އެ ސުވަލަށް އެދެވޭ ޖަވާބެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. އެ މައުލޫގައި ތަފުސީލު ވާހަކަތަކެއް އެކަކު ވެސް ނުދައްކަ އެވެ. އޮތީ ބޮޑު ސުވާލެކެވެ. ބޭނުން ވަނީ ތަފުސީލު ޖަވާބެކެވެ.

މޯލްޑިވްސް ޝިޕިން ލިމިޓެޑް (އެމްއެސްއެލް) އުފެދުނީއްސުރެ އެކުންފުނި އުވި ދިއުމާ ހަމަޔަށް ކުންފުނީގެ ހިންގެވުމާ ހަވާލުވެ ހުންނެވީ މަރުހޫމު އަލީ އުމަރު މަނިކު (ކޮލި އަލިމަނިކު) އެވެ. ވިޔަފާރިޔާ ހިންގުމުމުގެ ފަންނުގައި އާދަޔާ ޚިލާފު ތޫނުފިލި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ އަލި މަނިކަކީ ވަރަށް އާދައިގެ ގޮތެއްގައި އުފެއްދި ދިވެހި ޝިޕިން ކުންފުނި، ސަރަހައްދުގެ ނަން މަޝްހޫރު ކުންފުންޏަކަށް ހެއްދެވި މޭސްތިރިޔާ އެވެ. އެފަދަ ތަޖުރިބާކާރު ބޭފުޅެއްގެ ހިންގުންތެރިކަމުގެ ދަށުގައި އޮތް ކުންފުންޏެއް އިތުރަށް ކުރިޔަށްދާނެ މަގެއް ނުފެނި ބަނގުރޫޓު ވެގެން ހިނގައިދާނެ ކަމަށް ގަބޫލު ކުރަން ދައްޗެވެ. ޚާއްސަކޮށް ޝިޕިން ފަދަ އަބަދުވެސް ކުރިޔަށް ދިޔުމުގެ ފުރުސަތު އޮންނަ ދާއިރާއެއްގައި އެވަރުގެ ބޮޑު ނިކަމެތި ކަމެއް ކުންފުންޏަށް ލިބި، ހުލިވެދާން ޖެހޭ ބޮޑު ސަބަބެއް އޮންނާނެ ކަމަށް ފެނެ އެވެ. އެއީ ރާއްޖޭގެ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތް ވެސް މެ އެވެ.

މޯލްޑިވްސް ޝިޕިން ލިމިޓެޑް ނުވަތަ އެމްއެސްއެލް އުފެދުނީ ދިވެހި ރާއްޖެއަށް ބޭނުންވާ މުދާ ބޭރުން ގެނައުމުގެ ބޭނުމުގަ އެވެ. 1967 ވަނަ އަހަރު އެ ނަމުގައި ކުންފުނި އުފެއްދުމުގެ މާ ކުރިން ވެސް ސަރުކާރުން ޝިޕިންގެ މަސައްކަތް އައީ ކުރަމުންނެވެ. އޭރު އެ މަސައްކަތް ކުރީ ކޮޅުނބުގައި ހުރި މޯލްޑިވް ނޭޝަނަލް ޓްރޭޑިން ކޯޕަރޭޝަން (އެމްއެންޓީސީ) އިންނެވެ. މި ކުންފުނީގެ ފެށުން ގުޅިފައި ވަނީ 1948 ހާ ހިސާބާ އެވެ. އޭރު ދިވެހި ސަރުކާރުގެ މިލްކުގައި ބޭރަށް ދުއްވާ ރިޔާ ނެގި ދެއުޅަނދު އޮތެވެ. އެއީ އަތިއްޔަތުއް ރަހުމާނާއި ފަތުހުލް ބާރީ އެވެ.

މޯލްޑިވިއަން ޓްރޭޑިން ކޮމްޕެނީއަކީ، އުމްބުޗީ ހޯލްޑިންގްސްގެ ބައެއް ވެރިންނާއި ކޮޅުނބުގައި ހުރި ދިވެހި ސަރުކާރުގެ ރެޕްރެޒެންޓިވް، ލަންކާގެ ރައްޔިތެއް ކަމަށްވާ ހާޝިމާއި އިތުރު ދެ ދިވެހިން ގުޅިގެން އުފެއްދި ކުންފުންޏެކެވެ. ބޭނުމަކީ ރާއްޖެއަށް ބޭނުންވާ މުދާ ފޮނުވުމެވެ. މި ކުންފުނީގެ މުހިންމު ކަން، މުހަންމަދު އަމީނަށް ވިސްނި ވަޑައިގެން އެކުންފުނި ދިވެހި ސަރުކާރުގެ ދަށަށް ގެންދެވުމަށް މަސައްކަތް ކުރެއްވި އެވެ. އެ ބޭނުންފުޅުގައި އެމްއެންސީގެ ހިއްސާދާރުނާ ވާހަކަ ދެއްކެވުމަށް ފަހު، މޯލްޑިވްސް ނެޝެނަލް ޓްރޭޑިން ކޯޕަރޭޝަން (އެމްއެންޓީސީ) އުފެއްދެވި އެވެ. އެއަށްފަހު އެމްއެންޓީސީ (މޯލްޑިވްސް)ގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމަށްފަހު 100 ޕަސެންޓް ސަރުކާރުގެ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރެއްވި އެވެ.

އަމީން ދީދީގެ ވިސްނުންފުޅުގައި ރާއްޖެއަށް މުދާ އެތެރެކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުން އޮތް ކަމުގައި ވިޔަސް އެމަނިކުފާނުގެ ވެރިކަން ނިމުނު އިރުވެސް ކުންފުނީގައި އިންޖީނު ލީ އުޅަންދެއް ނެތެވެ.

މުހަންމަދު އަމީންގެ ވެރިކަން ނިމި ގައުމަށް އައި ސިޔާސީ ހަލަބޮލިކަމަށް ފަހު ކަންތައް ހަމަޔަކަށް އެޅުނީ އިބްރާހިމް ނާސިރަށް ބޮޑު ވަޒީރެއްގެ ހައިސިއްޔަތުން ގައުމު ހިންގަވަން ލިބިވަޑައިގެންނެވި ހިސާބުންނެވެ. ރާއްޖެ އިގްސާދީ ގޮތުން ހަމަނޭވާ ލެވޭ ފަދަ ގައުމަކަށް ހެއްދެވުމަށް ނާސިރު ގެނގުޅުއްވި ވިސްނުންފުޅުގެ ތެރެއިން އެމަނިކުފާނުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނު އެއް ދާއިރާއަކީ ޝިޕިންގެ ދާއިރާ އެވެ. ސަބަބަކީ ރާއްޖެއަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ވެސް ގެންނަން ޖެހިފައި އޮތީ ބޭރުން ކަމަށް ވާތީ އެކަމަށް ހައްލެއް ހޯއްދެވުމުގެ ބޭނުންފުޅުގަ އެވެ. އޭރު މާލެއަށް ބޭރުން މުދާ އެތެރެކުރުމުގެ ބާރު ކޮންޓްރޯލްކުރަމުން ދިޔަ ވޯރާ ވިޔަފާރި ވެރިންގެ އަތްދަށުން މިންޖުވުމަކީ ވެސް ނާސިރުގެ މުހިންމު ބޭނުންފުޅެއްކަމުގައި ވުމީ އެކަށީގެންވާ ކަމެކެވެ. އެ މަގުސަދުގައި ރާއްޖެއަށް ފުރަތަމަ ގަތް ބޯޓަކީ ބޯޓު ދެލިން ދުއްވާ ބޯޓެއް ކަމަށްވާ ނޯޑިކް ކުއީން ކިޔާ ބޯޓެކެވެ. އެ ބޯޓަށް ދިން ނަމަކީ މޯލްޑިވްސް ސްޓާ އެވެ. މޯލްޑިވްސްޓާ އާއި ދިއްފުށި މާދޫ އާއި ދެ ބޯޓުން ފެށި ވިޔަފާރި ގާތްގަނޑަކަށް 80 ބޯޓު ދުއްވާ ބޮޑު ކުންފުންޏަކަށް ތަރައްގީ ވި އެވެ. އެމްއެސްއެލް އިން ކޮޅުނބުގައި ކުރަމުން ގެންދިޔަ ވިޔަފާރިއަށް ލަންކާ ސަރުކާރުން ހުރަސް އަޅަން ފެށުމުން، މައި އޮފީސް އިންޑިއާގެ މަޑްރާސްއަށް ބަދަލު ކުރުމަށް ފަހު ފަހުން ބަދަލު ކުރީ ސިންގަޕޫރަށެވެ.

ފެށުނީއްސުރެ ނިމެންދެން އެމްއެސްއެލްގެ ހިންގުމާ ހަވާލުވެ ހުންނެވި އަލީ އުމަރު މަނިކު ލިއުއްވާފައިވާ ގޮތުގައި އެމްއެސްއެލް ފަށައިގެން ކާމިޔާބު ވިފާރިއަކަށްވީ ދިވެހި ސަރުކާރުގެ ބަޖެޓުން އެއްވެސް މިންވަރެއް ޚަރަދުނުކޮށެވެ. ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށް އެހެން ގޮތެއް ނެތިގެން 1960ގެ އަހަރުތަކުގައި ފެށި ޝިޕިންގެ މަސައްކަތްވީ ރާއްޖެއަށް ވަރަށް ފައިދާހުރި މަސައްކަތަކަށެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް އެމްއެސްއެލްގެ ބޯޓު ފަހަރުތައް ދަތުރުކޮށް ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާ ހޯދައިދެމުން ގެންދަނިކޮށް ހާލަތު ބަދަލުވާން ފެށީ 80ގެ އަހަރުތަކުގެ ތެރޭގަ އެވެ.

އަލި މަނިކު ލިއުއްވާފައިވާ ގޮތުގައި އޭރު ޝިޕިންގެ ދާއިރާއަށް އައީ އިނގިލާބެއް އަންނަމުންނެވެ. އެންމެ ބޮޑު މައިގަނޑު ބަދަލަކީ ކޮންޓެއިނަރު ބޯޓު ފަހަރު ތައާރަފުވުމެވެ. އެ ދުވަސްވަރު އެފަދަ ބޯޓު ފަހަރަށް އިންވެސްޓްކޮށް، ޝިޕިން ލައިން ތަރައްގީ ކުރިނަމަ ލިބެމުންދިޔަ ފައިދާ އެތައް ގުނައަކަށް ބޮޑު ވީހެވެ. ނަމަވެސް އަލި މަނިކު ލިއުއްވާފައި ގޮތުގައި އެފަދަ ކަމަކަށް އިންވެސްޓްކުރާނެ މާލީ ތަނަވަސް ކަމެއް ނެތެވެ. ރާއްޖޭގެ ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ކުންފުނި ހުލިވެ ދިޔައީ ކޮންޓެއިނާ އުފުލޭ ފަދަ ބޯޓު ގަނެވޭ ފަދަ ތަނަވަސް ކަން ނެތުމުން ކަމަށް ވިދާޅުވި އެވެ.

އަލި މަނިކުގެ ދުވަހު ފޮތުގައި ވަރަށް އެހެން ކަހަލަ ވާހަކައެއް ވެސް ލިޔުއްވާފައިވެ އެވެ. އެއީ ރާއްޖޭގައި އޭރު ވެރިކަމުގައި އޮތް އާ ސަރުކާރުން ހިންގި، މީހުން ހިލޭ ހައްޖަށް ފޮނުވުމުގެ މަޝްރޫއާއި ސަރުކާރުން ހިންގި ތައުލީމާއި ތަރައްގީގެ ޕްރޮޖެކްޓްތަކަށް އެމްއެސްއެލް އިން ދޭން ޖެހުނު ފައިސާގެ ވާހަކަ އެވެ. އެކަމަށް އެ ކުންފުނިން އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރަން ޖެހުނެވެ. އަލި މަނިކު ލިޔުއްވާފައި އޮތް ގޮތުގައި އެ ފައިސާ ހުރިނަމަ އެމްއެސްއެލް އަށް އާ ބޯޓު ފަހަރު ގަންނަން އިންވެސްޓް ކުރެވުނީހެވެ.

ރާއްޖޭގެ މައި ޝިޕިންގް ލައިން އަޑި އަޅައިގެން ދިޔައިރު ކުންފުނީގެ ހަރު މުދަލުގެ ގޮތުގައި، އާ ކުރަން ޖެހިފައި ހުރި ބާ ބޯޓުތަކެއް ހުރި ކަމުގައި ވިޔަސް، އޭގެ އިތުރުން ދުނިޔޭގެ އެތަން މިތަނުގައި އެ ކުންފުނީގެ ފައިސާއަށް ބިން ގަނެ އިންވެސްޓްކޮށްފައި ވެސް ހުއްޓެވެ. ބޭނުމަކީ ކުންފުނީގެ ކުރިއެރުމަށްޓަކައި ލޯނު ނެގުން ފަދަ ކަންތައްތަކަށް މަގުފަހި ކުރުމެވެ. އެހެން ނަމަވެސް އެއިން އެއްވެސް ވަސީލަތެއްގެ ބޭނުން އެދެވޭ ގޮތުގައި ނުހިފި ކުންފުނި ބަނގުރޫޓު ވިއިރު ސަރުކާރު އޮތީ ކުންފުނީގެ މާލީ ސިޔާސަތުގެ ތެރެއަށް ވަދެފަ އެވެ.

އުފެދުނީއްސުރެ ހަލުވިކަމާއެކު ކުރިއަރަމުން ދިޔަ އެމްއެސްއެލް އަޑި އަޅާލަން ފެށީ ރާއްޖޭގެ ވެރިކަމަށް މައުމޫން އަބްދުލް ގައްޔޫމު ވަޑައިގެންނެވި ހިސާބުންނެވެ. ސިޔާސީ ނުފޫޒެއް ނެތި ވިޔަފާރީގެ އުސޫލުން ކުންފުނި ހިނގުމަށް ކުންފުންޏަށް އޮތް ބާރު އެ ހިސާބުން ނެތިދިޔަ ކަން ފާހަގަވެ އެވެ.

ނާސިރަކީ މަޝްވަރާ ކުރައްވާ ބޭފުޅެއް ނޫނެވެ. އެމަނިކުފާނު ކަންތައް ކުރައްވަނީ ގައުމަށް އެންމެ ފައިދާ ހުރިގޮތަކަށް ވިސްނެވުމަށް ފަހު ފެނިވަޑައިގެންނެވި ގޮތަކަށެވެ. މައުމޫނު ކަންތައް ނިންމަވަނީ އެތައް ކޮމިޓީއަކާ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. މިއީ މައުމޫނާއި ނާސިރާ ދެބޭފުޅުންގެ ހިންގެވުމުގެ ސްޓައިލާ މެދު އަލި މަނިކު ލިއުއްވާފައި އޮތް ވާހަކަ އެވެ. ވަކި މީހެއްގެ ބޮލުގައި އިލްޒާމެއް ނޭޅުވި ކަމުގައި ވިޔަސް، ކަންކަމާ ދޭތެރޭ ލޯހުޅުވޭ، މީހަކު ކުށެއް ކޮށްފި ނަމަ މައާފު ނުކުރާނެ، ބުނި ގޮތެއްގައި ހިފަހައްޓާ، މީހެއްގެ ބެލުމުގެ ދަށުން، އެތައް ގިނަ ކޮމިޓީތަކެއްގެ މަޝްވަރާގެ މަތިން އެތައް ބަޔަކަށް ބައި އެޅިފައި އޮތް ސިޔާސީ ނުފޫޒެއްގެ ދަށަށް ކުންފުނި ވަނުމަކީ ރާއްޖެއަށް އިންތިހާއަށް ފައިދާވަމުން ދިޔަ، އަދި އަދި އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ބޮޑު ގައުމީ ޝިޕިން ލައިން، އެމްއެސްއެލް ހުލިވެގެން ދިޔަ މައިގަނޑު ސަބަބު ކަމަށް ބެލެވެ އެވެ. އަލި މަނިކުގެ ދުވަހު ފޮތުގެ ސަފުހާތަކުން ފެންނަން އޮތް ޖަވާބަކީ ވެސް އެއީ އެވެ.