ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާއިން ޣައްޒާގެ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޯރުކޮށްދިން ފުށުގެ ތެރެއަށް ބާރުގަދަ ބޭސްތަކެއް އަޅާފައިވާކަން ހާމަވެއްޖެ އެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ މިއީ ޣައްޒާގެ ރައްޔިތުންގެ ސިއްހަތާ ދެކޮޅަށް ހިންގުނު ވަރުގަދަ ޖަރީމާއެއް ކަމަށެވެ.

މިކަމުގެ ޒިންމާ އިޒްރޭލުން ނަގަންޖެހޭ ކަމަށް އެ އޮފީހުން ބުނެފައިވާއިރު، ފުށުގެ ތެރެއިން ފެނިފައިވަނީ އޮކްސިކޯޑޯން ނަމަކަށް ކިޔާ ތަދުކަނޑުވާ ބޭހެކެވެ. މިއީ ޑޮކްޓަރެއްގެ ލިޔުމަކާ ނުލާ ދޫނުކުރެވޭ ވަރަށް ނުރައްކާތެރި ބޭހަކަށްވާއިރު، މި ބޭސް ބޭނުންކޮށްފިނަމަ އެއަށް ދެވި ހިފުމުގެ ފުރުސަތު ބޮޑެވެ.

މި ބޭހުގެ ގުޅަތައް ފުށް ބަސްތާތަކުގެ ތެރެއިން ފެނިފައިވާއިރު، ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ މި ބޭސް ގުޅަތަކުގެ އިތުރުން، އޭތި ހިމުންކޮށް ފުށާ އެއްކޮށްފައިވާކަމަށް ބެލެވޭ ކަމަށެވެ.

މިއާއެކު ޣައްޒާގެ އެންޓި-ޑްރަގް ކޮމިޓީން ވަނީ އާއްމުން އެކަމަށް ސަމާލުވުމަށާއި، އެމެރިކާ މެދުވެރިކޮށް އަންނަ އެހީގެ ސާމާނު ރަނގަޅަށް ޗެކް ކުރުމަށާއި، އެއްވެސް އާދަޔާހިލާފު ކަމެއް ފާހަގަކުރެވޭ ނަމަ ރިޕޯޓް ކުރުމަށް އެދިފަ އެވެ.