ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިހުމާލުން އުމުރުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.
މި މައްސަލައަކީ އާއިލާއިން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ. މަރުވި ތުއްތު ކުއްޖާއަކީ ޔޫނުސް ހުސައިން އަބްދުﷲ އެވެ. މި ތުއްތު ކުއްޖާއަށް އައިޖީއެމްއެޗުން ފަރުވާ ދިނުމުގައި ބޮޑު އިހުމާލެއް ވެފައިވާ ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވެ އެވެ.
އާއިލާއިން ބުނާ ގޮތުގައި ޔޫނުސްއަކީ މީގެ ކުރިން ސިއްހީ މައްސަލައެއް ނެތް، ރަނގަޅު ސިއްހަތެއްގައި ހުރި ކުއްޖެކެވެ. ނަމަވެސް، ދެ ހަފްތާ ކުރިން ޔޫނުސްގެ އުޅުމަށް ބަދަލު އައިސް، ހޮޑުލާތީ ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދެއްކުމުން ހޮސްޕިޓަލުން ވަނީ ބޭސް ދިނުމަށް ފަހު ފޮނުވާލާފަ އެވެ. ތިންވަނަ ފަހަރަށް ޖޫން 20 ގައި ހޮސްޕިޓަލަށް ދިއުމުން، ޔޫނުސް އެޑްމިޓްކޮށް، އައިވީ ގުޅާފައިވެ އެވެ.
ޖޫން 21 ގައި ޔޫނުސްގެ ހަށިގަނޑު ދުޅަވެ، ފުފެން ފެށި އެވެ. ޑޮކްޓަރުން ބުނެފައި ވަނީ މިއީ ލިވާގައި ހުންނަ އެންޒައިމް މަތިވުމުގެ ސަބަބުންވާ ކަމެއް ކަމަށެވެ. ހޮސްޕިޓަލުން ދިން އިންޖެކްޝަނަކަށް ފަހު ދުޅަ ތިރިވި ނަމަވެސް، ކުއްޖާގެ ބަނޑު ވަރަށް ބޮޑަށް ފުއްޕާފައި ހުރި ކަމަށް އާއިލާއިން ބުނެ އެވެ.
ހިޖުރީ އާ އަހަރާ ދިމާވެ ސަރުކާރު ބަންދުވުމުގެ ސަބަބުން ޔޫނުސްގެ ބައެއް ސްކޭންތައް ހަދައިފައިނުވާ ކަމަށް އާއިލާއިން ބުނެ އެވެ. އާއިލާއިން ފާހަގަކުރާ ގޮތުގައި، ކުއްޖާ ރާއްޖެއިން ބޭރަށް ފުރުން ލަސްވިއިރު، އާސަންދަ ހަމަޖެހި ފުރޭނެ ކަން އެނގުނީ ކުއްޖާ މަރުވިތާ ގާތްގަނޑަކަށް ދިހަ މިނިޓް ފަހުންނެވެ.
އައިޖީއެމްއެޗަށް އާއިލާއިން ކުރި ތުހުމަތުތަކާ ގުޅިގެން ހެލްތް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ވަނީ މި މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި، ތަހުގީގު ނިމުމުން އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގެ އިހުމާލުން އެތައް ފުރާނައެއް ގެއްލިފައިވާ ކަމަށް މީގެ ކުރިންވެސް ގިނަ އާއިލާތަކުން ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް، މިފަދަ މައްސަލަތަކާ ގުޅޭ ތަހުގީގުތަކުގެ ނިންމުންތަކާއި އަޅާ ފިޔަވަޅުތައް ހެލްތް މިނިސްޓްރީން އާންމުކޮށްފައެއް ނުވެ އެވެ. ހާއްސަކޮށް އައިޖީއެމްއެޗަށް ގިނަ ތުހުމަތުތައް ކުރެވޭއިރު، ސަރުކަރު ބަންދުވުމުގެ ދުވަސްވަރު ސިއްހީ ހިދުމަތްތައް ލިބުން ދަތިވާ ކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ފާޅުވަމުންދެ އެވެ.