އިންޑިއާގެ މަޝްހޫރު މޮޑެލް އަދި އެކްޓަރު ޝެފާލީ ޖަރިވާލާ މަރުވީ ޒުވާންކަން މަތީ ހުންނަން އޭނާ ބޭނުންކުރި ބޭސްތަކެއްގެ ސަބަބުން ކަމަށް ތަހުގީގުން ހާމަވެއްޖެ އެވެ.

ޝެފާލީގެ މަރާއެކު ފުލުހުން ފެށި ތަހުގީގުން އެނގުނު ގޮތުގައި ޝެފާލީ ދިޔައީ ޒުވާންކަން މަތީ ހުންނަން ބޭނުންކުރާ އެންޓި އޭޖިން ޕިލްސް ބޭނުން ކުރަމުންނެވެ.

އެގޮތުން އޭނާ މަރުވި ރޭ ހައިބަނޑާ ހުރެ އެންޓި އޭޖިން އިންޖެކްޝަނެއް ޖެހި ކަމަށާއި އޭގެ ސަބަބުން ނުރައްކާ މިންވަރަށް ލޭގެ ޕްރެޝަރު ދަށްވެ މަރުވީ ކަމަށް ފުލުހުން ބުންޏެވެ.

ޝެފާލީގެ މަރުގެ ތަހުގީގުގައި ފުލުހުން ވަނީ ހަތް ސީސީޓީވީ ކެމެރާއެއް ބަލައި 14 މީހެއްގެ ބަޔާން ނަގައި ދެ ފަހަރަށް އޭނާގެ ޕޯސްޓް މޯޓަމް ވެސް ހަދާފަ އެވެ.

އުމުރުން 42 އަހަރުގައި މިދިޔަ ހުކުރު ދުވަހު ޝެފާލީ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުންނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހަބަރުތައް ބުނެ އެވެ.

ޝެފާލީއަކީ 2002 ވަނަ އަހަރު ރިލީޒް ކުރެވުނު މަޝްހޫރު ރިމިކްސް ލަވަ "ކާންޓާ ލަގާ"ގެ މިއުޒިކް ވީޑިއޯގައި ފެންނަ އެކްޓަރެވެ. އޭރު އޭނާގެ އުމުރުން 19 އަހަރެވެ.