އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީއަކީ ގިނަ އަހަރުތަކެއް ބޮލީވުޑްގައި ހޭދަކޮށްފައިވާ ތަޖުރިބާކާރު ދެ ތަރިންނެވެ. އެ ދެތަރިންގެ ކެރިއަރުގައި ވެސް އެކި ކަހަލަ ކަންކަމާ ކުރިމަތިލާފައިވެ އެވެ.

އެގޮތުން އަބީޝޭކްއަކީ އާއްމުކޮށް ވެސް އެކި ދުވަސްވަރު ތަފާތު ސަބަބުތަކާ ހެދި އާއްމުންގެ ފުރައްސާރައާ ކުރިމަތިލާން ޖެހޭ އެކްޓަރެކެވެ.

ދާދި ފަހުން ހޮލީވުޑް ރިޕޯޓާއަށް ދިިން އިންޓަވިއުއެއްގައި އަބީޝޭކް ވަނީ އޭނާއަށް ކުރިމަތިވާ ފުރައްސާރައާއި އެ "ނެގެޓިވިޓީ" މެނޭޖްކުރާ ގޮތާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

އަބީޝޭކް ބުނީ އެކަމުގައި އޭނާގެ އަންހެނުން އައިޝްވާރްޔާ ދިން ނަސޭހަތުގައި ހިފަން މަސައްކަތްކުރާ ކަމަށެވެ. އެގޮތުން އައިޝްވާރްޔާ ދިން ނަސޭހަތަކީ ނެގެޓިވް ކަންކަމަށް ވިސްނުމަށްވުރެ ޕޮޒިޓިވް ކަންކަމަށް ސަމާލުކަން ދިނުން ކަމަށް އަބީޝޭކް ބުންޏެވެ.

އަބީޝޭކް އިތުރަށް ބުނީ ބޮލީވުޑްގައި މިހާ ގިނަ ދުވަސްވީއިރު ވެސް މީހުން އޭނާއާމެދު ދެކޭ ގޮތުން އަސަރުކުރާ ކަމަށާއި އެންމެންވެސް އޭނާދެކެ ލޯބިވާން ބޭނުންވާ ކަމަށެވެ.

ދާދި ފަހުން އަބީޝޭކް ވަނީ ބޮލީވުޑްގައި އޭނާގެ 25 އަހަރު ފުރިހަމަ ކޮށްފަ އެވެ. އަބީޝޭކްގެ ފުރަތަމަ ފިލްމަކީ 2000 ވަނަ އަހަރު ރިލީޒްކުރި "ރެފިއުޖީ" އެވެ.