ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ގަތުލުއާއްމަށް ވާގިވެރިވާ ކުންފުނިތަކުގެ ލިސްޓެއް އދ. އިން އާއްމުކޮށްފި އެވެ.

އިޒްރޭލުން ގަދަކަމުން ހިފާފައިވާ ޣައްޒާގެ ބިންތަކާ ގުޅޭ މައްސަލަ ބެލުމަށް އދ. އިން ކަނޑައަޅާފައި ހުންނަވާ ރެޕަޓުއާ ފްރަންސެސްކާ އަލްބަނީޒް ނެރުއްވި މި ރިޕޯޓުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ޣައްޒާގެ ބިންތައް ހިފުމަށާއި، ގަތުލުއާއްމު ހިންގުމަށް އެހީތެރިވާ ބޮޑު 48 ކުންފުންޏެއްގެ ނަން ވަނީ އާއްމުކޮށްފަ އެވެ.

މި ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ގޫގުލްގެ ވެރި ކުންފުނިކަމަށްވާ އަލްފަބެޓް އިންކް އާއި މައިކްރޮސޮފްޓް އާއި އެމެޒަން ކުންފުނި ވެސް ހިމެނެ އެވެ.

މި ރިޕޯޓްގައި ބުނީ މި ކުންފުނިތަކުން އެއްވެސް ޒިންމާދާރު ކަމެއް ނެތި ޔަހޫދީންގެ ބޭނުންތައް ފުއްދައިދެމުން އަންނަ ކަމަށާއި، ގައްޒާ ގަތުލުއާއްމުން އެމީހުން ފައިދާ ހޯދަމުން އަންނަ ކަމަށެވެ.

މިގޮތުން ޣައްޒާއަށް ބޮން އެޅުމަށް ޔަހޫދީން ބޭނުންކުރާ ފައިޓާ ޖެޓުތަކުގެ ޕްރޮގްރާމަށް 1،600 ކުންފުންޏަކުން އެހީވާއިރު، މި ޕްރޮގްރާމް ލީޑު ކުރަނީ އެމެރިކާގެ ލޮކްހީޑް މާޓިން ކިޔާ ކުންފުންޏެކެވެ. އަދި ޔަހޫދީ ފައުޖަށް އެންމެ ބޮޑަށް އެހީވާ ކުންފުންޏެއްގެ ގޮތުގައި އިޓަލީގެ ލިއޮނާޑީ އެސްޕީއޭ ފާހަގަވެފައިވާއިރު، ހަތިޔާރު އުފައްދާ މެޝިނަރީ ތައް ފޯރުކޮށްދެނީ ޖަޕާނުގެ އެފްއޭއެންޔޫސީ ކިޔާ ކުންފުންޏަކުންނެވެ.

މިއާއެކު އިޒްރޭލުގެ ޖާސޫސީ ފަރާތްތަކާއި ޔަހޫދީ ފައުޖު ޓްރެއިން ކުރުމުގެ އިސްރޯލެއް އެމެރިކާގެ ޓެކް ކޮމްޕެނީ އައިބީއެމް އަދާކުރާއިރު، ފަލަސްތީނުގެ ރައްޔިތުންގެ މައުލޫމާތުތައް ރައްކާކުރަނީ ޕީއައިބީއޭ ކިޔާ ކުންފުންޏަކުންނެވެ.

މީގެ އިތުރުންވެސް ދެކުނު ކޮރެއާގެ އެޗްޑީ އާއި، ސްވީޑެންގެ ވޮލްވޯގެ އިތުރުން އެމެރިކާގެ ކެޓް އާއި އެއާބީއެންބީ އަދި ބުކިން.ކޮމް ވެސް މިއީ މި ލިސްޓުގައި ހިމެނޭ ބޮޑެތީ ކުންފުނިތަކެވެ.

މި ރިޕޯޓުގައި އަލްބަނީޒް ވަނީ އިޒްރާއީލާ އެއްފަދައިން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގެ ފުރިހަމަ ޒިންމާ މި ކުންފުނިތަކުން ވެސް ނަގަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.