އިނގިރޭސިވިލާތުގެ ފުޓުބޯޅަ ކްލަބް ލިވަޕޫލަށް ކުޅޭ، ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާ، ސްޕެއިންގައި މިއަދު ހިނގި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.
ޕޯޗުގަލްގެ ފުޓްބޯޅަ ޓީމުގެ ފޯވާޑް ޖޮޓާ މިހާދިސާގައި މަރުވިއިރު، އެ ކާރުގައި ދަތުރުކުރި އޭނާގެ ކޮއްކޮ، 25 އަހަރުގެ އެންޑްރޭ ސިލްވާ ވެސް މި ހާދިސާގައި ވަނީ މަރުވެފަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ސްޕެއިންގެ ޒަމޯރާގެ ސަނާބްރިއާ ސަރަހައްދުގެ ހައިވޭއެއްގަ އެވެ.
ރިޕޯޓުތައް ބުނާގޮތުން، ޖޮޓާ އާއި އޭނާގެ ކޮއްކޮ ދަތުރުކުރި ކާރު ކޮންޓްރޯލް ނުވެ ގޮސް ތަނެއްގައި ޖެހި، ރޯވީ އެވެ. ރޯވި ކާރުގެ އިތުރުން އެ ސަރަހައްދުގައި ހުރި ގަސްތަކުގައި ވެސް ރޯވި އެވެ.
މަންޒަރު ދުށް މީހުން ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެންގި ނަމަވެސް، ކާރުގައި ތިބި ދެ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ. ދެ މީހުން ވެސް މަރުވެފައި ވަނީ ހާދިސާ ހިނގި ތަނުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
ފުޓުބޯޅައިގެ ދުނިޔެއަށް ވަރަށް ބޮޑު ސިހުމެއް ގެނުވި މި ހާދިސާ ހިނގާފައި މިވަނީ، މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ޖޮޓާ 28، އޭނާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު ރޫތު ކާޑޯސޯއާ ކައިވެނިކުރިތާ ހަފްތާއެއް ވެސް ނުވަނީހެވެ. ޖޮޓާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ކައިވެނީގެ ހަފްލާގެ ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
ޖޮޓާ އަކީ ލިވަޕޫލަށް ބަދަލުވުމުގެ ކުރިން އިނގިރޭސި ކްލަބް ވުލްވަހެމްޓަން ވޯންޑާސްއަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ލިވަޕޫލަށް 123 މެޗު ކުޅެ، 47 ގޯލު ޖަހާފައިވެ އެވެ.
ލިވަޕޫލްގެ ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލުކަން ހޯދާފައިވާ މި ކުޅުންތެރިޔާ މަރުވި ހާދިސާއަކީ، ފުޓުބޯޅައިގެ ދުނިޔެއަށާއި، ލިވަޕޫލް ކްލަބަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.