ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ހާލަތު ގޯސްވަމުންދާ ކަމުގެ މައުލޫމާތު އިދިކޮޅު އެމްޑީޕީ އިން ޔޫރަޕިއަން (އީޔޫ) ޕާލިމަންޓާ ހިއްސާކޮށްފި އެވެ.

މި ބައްދަލުވުމަށް ފަހު އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ވަނީ މިއީ ރާއްޖޭގެ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާކޮށްދިނުމަށް އީޔޫ ޕާލިމަންޓުގެ ދެކުނު އޭޝިއާ ގައުމުތަކުގެ ގުޅުންތަކާ ބެހޭ ވަފުދު (ޑީއެސްއޭއެސް) އިން ދިން ދައުވަތަކަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އީޔޫގެ ވަފުދުން މަޝްވަރާކުރީ މިދިޔަ މެއި މަހުގެ ތެރޭގައި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ބްރަސްލްސްއަށް ގޮސް ހިއްސާކުރި މައުލޫމާތުގެ އެންމެ ފަހުގެ ތަފްސީލު ހޯދުމަށެވެ.

އެމްޑީޕީން ބުނީ، މައިގަނޑު ފަސް ދައިރާއަކުން އެ ޕާޓީގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރި ކަމަށެވެ. އޭގެ ތެރޭގައި ޝަރުއީ ނިޒާމުގެ މިނިވަންކަން ނިގުޅައިގަތުމާއި، ބާރުތައް މުށުތެރެއަށްލާ މުއައްސަަސާތަކުގެ ބާރު ކަނޑުވާލުމާއި މީޑިއާ އާއި މަދަނީ ޖަމިއްޔާތަކަށް ބިރުދެއްކުމުގެ އިތުރުން އިގުތިސޯދީ ހާލަތު ގޯސްވުމާއި އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒޯފޯރުވަން މަގުކޮށަމުންދާ މައްސަލަ ހިމެނޭ ކަމަށް އެ ޕާޓީން ބުންޏެވެ.

މީގެއިތުރުން ސަރުކާރުން ބައިނަލުއަގުވާމީ ގުޅުންތަކުގެ ގޮތް ނިންމުން ސިޔާސީކޮށްފައިވާ ކަމަށް ވެސް އެމްޑީޕީން ވަނީ އީޔޫގެ ވަފްދަށް މައުލޫމާތު ދީފަ އެވެ. އެއީ ޗާގޯސް ޖަޒީރާތަކާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ގެނައި ބަދަލުގެ ވާހަކަ އެވެ.