ސަރުކާރުން ތިބީ މާލެ ސިޓީގައި އުޅޭ ބުޅާތައް މަރުވާން ދޫކޮށްލައިގެން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލޭގައި އުޅެމުން ދިޔަ ބުޅާތައް ވީނުވީއެއް ނޭނގި މަދުވަމުންދާ މައްސަލައާ ގުޅިގެން މޭޔަރު އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަރުވާ ބުޅާތައް ވެސް އަދި އެހެން އެއްޗެހި ވެސް ނަގަނީ ސިޓީ ކައުންސިލް އިން ކަމަށާއި، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ކުރާ ކަމެއް ނޯންނަ ކަމަށެވެ.

މަގުމަތީ އުޅޭ ބުޅާތައް ލާން މާލެ ސިޓީ ކައުންސިލުން ހެދި ބުޅާ ފެސިލިޓީ ވެސް ގަދަކަމުން އަތުލައިގެން އެތަނަށް އަމިއްލަ މީހުންގެ ބުޅާތައް އެތަނަށް ލައިގެން އުޅޭ ހަބަރު ލިބޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެމްސީސީ (މާލެ ސިޓީ ކައުންސިލް) އިން ހެދި ބުޅާ ފެސިލިޓީ ވެސް ގަދަކަމުން އަތުލައިގެން އަމިއްލަ މީހުންގެ ބުޅާތައް އެތަނަށް ލައިގެން އުޅޭ ހަބަރު ލިބެނީ. މަގުމަތީ އުޅޭ ބުޅާތައް ލާން އެމްސީސީން ހެދި ތަނެއް އެއީ،" އާޒިމް ވިދާޅުވި އެވެ.

ރައްޔިތުން ބުޅާ ނަޖިހުގައި އުޅެން ޖައްސާފައި އަދި ބުޅާތައް މަރުވާން ދޫކޮށްލައިގެން ސަރުކާރުން ތިބިކަން ފާހަގަކޮށް އާޒިމް ވަނީ މަގުމަތީގައި އުޅޭ ބުޅާތައް ވަގުތުން އެތަނަށް ގެންދަން ސަރުކާރަށް ގޮވާލާފަ އެވެ. އަދި ބުޅާތައް މަރުވާން ދޫކޮށްލައިގެން އަދި ރައްޔިތުން ނަޖިހުގައި ބައިތިއްބައިގެން ސަރުކާރުން ތިބުމަކީ އަނިޔާވެރި ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އާޒިްމ ވަނީ ސިފަ ކުރައްވާފަ އެވެ.

މިއާއެކު އާޒިމް ވިދާޅުވީ ބުޅާތައް ލާނެ ތަނެއް ނެތިގެން މިހާރު އުޅޭކަށް ނުޖެހޭނެ ކަމަށާއި، ބުޅާތައް ލާނެ ތަނެއް މާލެ ސިޓީ ކައުންސިލުން ހަދައިދީފައިވާ ކަމަށެވެ.

މި ފެސިލިޓީ އާ ގުޅޭގޮތުން މިއަހަރުގެ މޭ މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ މިވަގުތު އެތަނުގައި 30 ބުޅާ ބަލަހައްޓަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ތަން ހަދައި ހިދުމަތް ފަށަން ދިން ތާރީހުގައި އެކަން ނުފެށުމުން ތަކުރާރުކޮށް ނޯޓިސް ދީގެން ވެސް އެކަން ނުކުރެވުމުން ސިޓީ ކައުންސިލްގެ ދަށުން އޮޅުހިޔާ ނަަގައި މިނިސްޓްރީގެ ދަށަށް ބަދަލުކުރި އިރު އެތަން ހުރީ ގިނަ ބުޅާތަކެއް ނަގައިގެން އަޅާލެވޭ ހާލަތެއްގައި ނޫންކަމަށާއި، ގިނަ ބުޅާ އެއް ފަހަރާ ރަނގަޅަށް ބެލެހެއްޓޭނޭ ވަސީލަތް ގާއިމް ނުވެ، ކެޕޭސިޓީއަށް ވުރެ އިތުރަށް ބުޅާތައް ނުނަގާނޭ ކަމަށް އޭރު މާރިޔާ ވަނީ ވިދާޅުވެފަ އެވެ.