ކަރަން ސިންހް ގްރޯވާއާއި ޖެނިފާ ވިންގެޓްއަކީ އެއްއިރެއްގައި އިންޑިއާގެ ޓީވީ ދާއިރާގައި އެންމެ މަގުބޫލު ޖޯޑެވެ. އެ ދެމީހުންގެ ޝޯތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ހިންދީ ސީރީޒް "ދިލް މިލް ގަޔޭ"ގައި އެކުގައި މަސައްކަތް ކުރުމަށްފަހު އެ ދެމީހުން ކައިވެނިކުރީ 2012 ވަނަ އަހަރު އެވެ. އެހެން ނަމަވެސް އެ ކައިވެނި ދެމިއޮތީ ގާތްގަނޑަކަށް ދެ އަހަރު ދުވަހަށެވެ.

ކަރަންއާއި ޖެނިފާގެ ކައިވެންޏަށްފަހު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ފިލްމީ ދާއިރާއިން ޖެނިފާ ގެއްލުމެވެ. އޭގެ ކުރިން ގިނަ ޝޯތަކަކުން ޖެނިފާ ފެނުނު ނަމަވެސް ކައިވެންޏަށްފަހު އޭނާ ފެނުން ހުއްޓުނެވެ.

އޭރު އެކަމާ ބެހޭގޮތުން މީޑިއާގައި ގިނަ އަޑުތަކެއް ފެތުރުނުއިރު ގިނަ ބަޔަކު ބުނަމުން އައީ އާއިލީ ދިރިއުޅުމަށްޓަކައި ޖެނިފާ ފިލްމީ ދާއިރާ ދޫކޮށްލީ ކަމަށެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖެނިފާ ބުނީ އޭނާގެ ފުރަތަމަ ކައިވެންޏަށްފަހު އޭނާއަށް މާ ގިނަ މަސައްކަތްތަކެއް ވެސް ނުލިބޭ ކަމަށެވެ.

އެހެންވެ އަލަށް ފެށި ދިރިއުޅުމަށްޓަކައި ފިލްމީ ހަޔާތް ގުރުބާން ކުރުމަކީ އޭނާއަށް މާބޮޑު މައްސަލައަކަށް ނުވި ކަމަށް ވެސް ޖެނިފާ ބުންޏެވެ.

ޖެނިފާ އިތުރަށް ބުނީ އޭނާގެ އެ ނިންމުމަށް އޭނާގެ މައިންބަފައިންނާއި ރައްޓެހިން ވެސް ދެކޮޅު ހެދި ކަމަށާއި އެކަމަށް ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.

ދެ އަހަރު ކައިވެނި ކޮށްގެން އުޅުމަށްފަހު ކަރަންއާއި ޖެނިފާ ވަކިވީ 2014 ވަނަ އަހަރު އެވެ. ކަރަން މިހާރު ކައިވެނި ކޮށްގެން އުޅެނީ އެކްޓަރު ބިޕާޝާ ބާސޫއާ އެވެ.