ޑްރަގް ޓްރެފިކިން ގެ ކުށް ސާބިތުވެ، އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ހަރަކާތްތެރިވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ނަބީލުގެ އިތުުރުން، އޭނާއާ އެކު ކޮޓަރީގައި އުޅުނު ހދ. ކުޅުދުއްފުށީ، ބިޗާނާގެ އާދަމް މުހައްމަދުގެ މައްޗަށް ވެސް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފަ އެވެ.

މި ދެމީހުންގެ މައްޗަށް ދައުލަތުން ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކުރި އިރު، މައްސަލާގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައިވާ ގޮތުން 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނަބީލު ދިރިއުޅޭ ގެ ކަމަށްވާ، ގ. ކަމަރާ ގޭގެ ކޮޓަރިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އާއި ޑައިމޯފިން ދެ ފަހަރެއްގެ މަތިން ވަނީ ފެނިފަ އެވެ.

ތަކެއްޗަކީ އޭނާ ބޯން ގެންގުޅޭ ތަކެތި ކަމަށާއި، އެތަކެތި ވިއްކާ ވިޔަފާރިނުކުރާ ކަމަށް ނަބީލު ބުނިއިރު، އާދަމް މުހައްމަދު ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.

ނަމަވެސް އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާތީ ދެމީހުންވެސް ބަންދުގައި ހޭދަކުރި މުއްދަތަށް ރިޔާއަތްކޮށް 22 އަހަރާއި 9 މަހާއި 8 ދުވަހުގެ ޖަލު ހުކުމެއް އިއްވާ، 100،000ރ އިން ޖޫރިމަނާކޮށް، އެ ފައިސާ 12 މަސް ތެރޭގައި މީރާއަށް ދައްކަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.