ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް އޮންލައިންކޮށް ހިންގި ކަމުގެ ތުހުމަތުގައި އީރާނުގެ ފުލުހުން 466 މީހަކު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ، އިރްނާއިން ބުނެފި އެވެ.
މިއީ އިޒްރޭލާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އެ ގައުމުން ހިންގި ސަލާމަތީ އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ.
އީރާނުގެ މީޑިއާތަކުން ބުނިގޮތުގައި، މި ހިނގާ މާރިޒު މަހުގެ ތެރޭގައި އެކި ތުހުމަތުތަކުގައި ޖުމްލަ 1،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ނާޒުކު ސަރަހައްދުތައް ވީޑިއޯ ކުރުމާއި، ސަރުކާރާ ދެކޮޅު މައުލޫމާތު އޮންލައިންކޮށް ފެތުރުމާއި، އަދި ދުޝްމަނުންނަށް އެހީތެރިވުމުގެ ތުހުމަތު ކުރެވޭ މީހުންނެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހައްޔަރުކުރުންތަކަކީ ފާއިތުވި ދުވަސްތަކުގައި އިންޓެލިޖެންސް އަދި ޓެކްނިކަލް މޮނިޓަރިންގްގެ އެހީގައި ހިންގި އޮޕަރޭޝަނެއްގެ ނަތީޖާ ކަމަށެވެ. އަދި ހައްޔަރުކުރެވުނު މީހުންނަކީ ގައުމުގެ ދާޚިލީ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ދުޝްމަނުންގެ ނެޓްވޯކްތަކާ ގުޅުން އޮންލައިންކޮށް ބާއްވާ ބައެއް ކަމަށް ވެސް ފުލުހުން ތުހުމަތު ކޮށްފައިވެ އެވެ.
މި އޮޕަރޭޝަނަކީ ސަރަހައްދީ މަސްރަހު ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައި، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އީރާނުގެ ސަލާމަތީ ބާރުތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ
ޓެކްނޮލޮޖީގެ ޒަމާނުގައި ދިރިއުޅުމުގެ ހަގީގީ މާނަ ހޯދާނީ ކިހިނެއް؟