މިހާރުވެސް ނިއު ޖާޒީގެ ފެޑެރަލް ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުން ދާ އެމެރިކާގެ މިއުޒިކް ދާއިރާގެ އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތު ކަމަށްވާ ސޯން "ޑިޑީ" ކޯމްބްސްއާ ދެކޮޅަށް ހުށައަޅާފައިވާ އާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓްއާއި ޝެރިފްގެ އޮފީހުން ކުރިއަށް ގެންދިޔަ ޖިނާއީ ތަހުގީގު ތަކަކަށްފަހު، މި މައްސަލަ މިހާރު ވަނީ ދައުވާ އުފުލުމާ މެދު ގޮތެއް ނިންމުމަށްޓަކައި ޕްރޮސެކިއުޓަރުންނަށް ފޮނުވާފަ އެވެ.
މި ފަހަރު ޑިޑީއާ ދެކޮޅަށް ތުހުމަތުތައް ހުށަހަޅާފައިވަނީ މިއުޒިކް ޕަބްލިސިސްޓް އަދި ޕްރޮޑިއުސަރެއް ކަމަށްވާ ޖޮނަތަން ހޭއި އެވެ. އޭނާ ހާމަކުރި ގޮތުގައި 2020 އަދި 2021 ވަނަ އަހަރުގެ ތެރޭގައި ލޮސް އެންޖެލިސްގައި ބޭއްވުނު ދެ ބައްދަލުވުމެއްގެ ތެރޭގައި ޑިޑީ ވަނީ އޭނާއަށް ޖިންސީ ގޮތުން ގޯނާކޮށް މަޖުބޫރުން ހިފަހައްޓާފަ އެވެ.
މި ހާދިސާ ހިނގާފައިވަނީ މަޝްހޫރު ރެޕް ފަންނާނު 'ނޮޓޯރިއަސް ބީ.އައި.ޖީ'ގެ ދަރިފުޅު ސީ.ޖޭ ވޮލަސްއާއެކު މިއުޒިކް ޕްރޮޖެކްޓެއްގެ މަސައްކަތުގައި އުޅުމުގެ ތެރޭގަ އެވެ. ޖޮނަތަން ބުނާ ގޮތުގައި މިއީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު "ލަނޑާއި އަނިޔާ" އެވެ.
އުމުރުން 56 އަހަރުގެ ޑިޑީ މިހާރުވެސް ދަނީ ނިއު ޔޯކްގެ ކޯޓަކުން ކުށް ސާބިތުވެ ހަށި ވިއްކުމުގެ ބޭނުމަށް އަންހެނުން އެއް ތަނުން އަނެއް ތަނަށް އުފުލި މައްސަލައިގައި 50 މަސް ދުވަހުގެ (ގާތްގަނޑަކަށް 4 އަހަރުގެ) ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ލޮސް އެންޖެލިސްގެ ޕްރޮސެކިއުޓަރުން މި އާ މައްސަލައިގައި ދައުވާކުރަން ނިންމައިފިނަމަ އޭނާއަށް އާ ޝަރީއަތަކާ ކުރިމަތިލާން ޖެހޭނެ އެވެ.
މި މައްސަލަ ޕްރޮސެކިއުޓަރުންނަށް ފޮނުވުމާއެކު ޖޮނަތަން ހޭއި ބުނީ، ޕޮލިހުންނާއި ޑީއޭ އޮފީހުން އޭނާގެ ވާހަކަތައް ބަލައިގަތުމަކީ އިންސާފު ހޯދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މިއީ އަހަރެން ފުރިހަމަ އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް. އިންސާފު ގާއިމު ވަމުން އެބަދޭ" އޭނާ ބުންޏެވެ.
އަނެއްކޮޅުން، ޑިޑީގެ ގާނޫނީ ޓީމުން މީގެ ކުރިން ބުނެފައިވަނީ އޭނާއާ ދެކޮޅަށް ކުރެވޭ ހުރިހާ ޖިންސީ އަނިޔާގެ ތުހުމަތުތަކަކީ އަގު ވައްޓާލުމަށާއި ފައިސާ ހޯދުމަށް ކުރާ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
ލޮސް އެންޖެލިސް ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީގެ ތަރުޖަމާނު ވިދާޅުވީ ހެކިތައް ވަޒަން ކުރުމަށްފަހު ދައުވާ ކުރުމާ މެދު ވަރަށް އަވަހަށް ރަސްމީ ނިންމުމެއް ނިންމާނެ ކަމަށެވެ.
ފެނަކައިގެ އޮފީސްތަކުގެ ކުއްޔަށް އަހަރަކު 16 މިލިއަން ރުފިޔާ
ފިލްމު ޖަމިއްޔާއަށް ރަންވީރު ގާނޫނީ ނޯޓިސް ފޮނުވައިފި
ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް!