ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސޯޝަލް ހައުސިން ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް ލިއުމުން އިންޒާރު ދީފި އެވެ.
ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކުރާ ފްލެޓްތައް އުސޫލާ ހިލާފަށް ބޭނުންކުރާ ފަރާތްތަކާ މެދު އެފްޑީސީން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.
އެ ކޯޕަރޭޝަނުން މިއަދު ބުނި ގޮތުގައި ހައުސިން ޔުނިޓުތައް ގަވާއިދާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރާ މައްސަލަތަކެއް ފާހަގަކުރެވިގެން މިދިޔަ މެއި މަހު ވަނީ އެކަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ތިން މީހަކަށް ރަސްމީކޮށް ލިޔުމުން އިންޒާރުދީފަ އެވެ. އަދި މިފަދަ އިތުރު ދެ މައްސަލައެއްގެ ތަހުގީގު ވެސް މިހާރު ހިނގަމުންދާ ކަމަށް އެފްޑީސީން ބުންޏެވެ.
މީގެ ކުރިން މިދިޔަ ފެބްރުވަރީ މަހު ވެސް ފްލެޓެއްގެ ތެރޭގައި 'ލޭބާ ކުއާޓަރެއް' ހަދައިގެން ބިދޭސީންނަށް ކުއްޔަށް ދިން މައްސަލައެއްގައި މީހަކު ވަނީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެތަނުން ބިދޭސީން ނެރެފަ އެވެ. މީގެއިތުރުން ފަހި ޓަވަރުގެ މާހައުލު ހަޑިވާ ގޮތަށް ކުނި އެޅި މައްސަލައެއްގައި ވެސް ދެ މީހަކު ވަނީ 8،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
ހަގީގަތުގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ސޯޝަލް ފްލެޓްތައް ހޯދުމަށްފަހު، އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދީގެން ނާޖާއިޒު މާލީ މަންފާ ހޯދުމަކީ މުޖުތަމައުގައި ބޮޑުވެފައިވާ ބޮޑު މައްސަލައެކެވެ. ފަހި ފުލެޓުތަކުގެ ތަޅުދަނޑި ވެރި ފަރާތްތަކާ ހަވާލުކޮށް ނުނިމެނީސް ވެސް، ސޯޝަލް މީޑިއާގައި ބޮޑު އަގުގައި އެތަންތަން ކުއްޔަށް ދޭން އިޝްތިހާރު ކުރި މައްސަލަތަކެއް ފެންމަތިވެ، އާންމުންގެ ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފަ އެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މީގެ ކުރިން ވިދާޅުވެފައި ވަނީ ސޯޝަލް ސްކީމްތަކުގެ މަގްސަދު ގެއްލޭ ގޮތަށް ފްލެޓްތައް ބޭނުންކުރުން ހުއްޓުވުމަށްޓަކައި، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެކަން މަނާކުރައްވާނެ ކަމަށެވެ. ނަމަވެސް އަދި އަދަށް ވެސް އެކަން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.
މިފަދަ މައްސަލަތަކަކީ ރައީސް ޔާމީންގެ ސަރުކާރުގައި ބިނާކުރި ހިޔާ ފްލެޓްތަކުން ފެށިގެން މިއަދާ ހަމައަށް ވެސް ތަކުރާރުވަމުންދާ ކަމެކެވެ. ހިޔާ ސަރަހައްދުގައި ފްލެޓްތައް ކުއްޔަށް ދިނުމުގެ އިތުރުން، ސަރުކާރަށް ދައްކަންޖެހޭ މަހު ކުލި ނުދެއްކުމުގެ މައްސަލަ ވެސް އޮތީ އިންތިހާއަށެވެ. އާންމުން އެންމެ ބޮޑަށް ފާޑުކިޔަނީ ކޮންމެ ސަރުކާރަކުން ވެސް ސިޔާސީ ބޭނުމަށްޓަކައި މިފަދަ ފްލެޓްތަކުގެ ކުލި ދަށްކޮށް ލުއިތައް ދެމުންދާއިރު، ފްލެޓްގެ ވެރިން އާންމު ނިކަމެތި ރައްޔިތުންނަށް އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދެމުންނެވެ.
ޗެޓްބޮޓަށް އޮޅުވާލައިގެން އިންސްޓަގްރާމްގެ ޑޭޓާ ވަގަށް ނަގައިފި
މެންބަރުން ހަމަނުވެ 'ދަ ޑިމޮކްރެޓްސް' އުވާލައިފި