ނ. ލަންދޫގައި ހުމެއް ފެތުރި، ބަލިވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލަފާދީފި އެވެ.
ލަންދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދިން ގޮތުގައި ކުރިން ދުވާލަކު އެވްރެޖްކޮށް 10 ވަރަކަށް މީހުން ޑޮކްޓަރަށް ދައްކަމުންދިޔަ ރަށުގައި، މިހާރު އެ އަދަދު ވަނީ 30 އިން މައްޗަށް އަރާފަ އެވެ. ބަލީގެ ނުރައްކާ ބޮޑުވެ އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ބަލިމީހުންގެ ކިބައިން އެންމެ ބޮޑަށް ފެންނަނީ ގަދަޔަށް ހުން އައުމާއި، ކެއްސުމުގެ އިތުރުން ބޮލުގައި ރިއްސުން ފަދަ އަލާމާތްތަކެވެ.
މި ރޯގާގެ ނޭދެވޭ އަސަރު ރަށުގެ ތައުލީމީ ދާއިރާއަށް ވެސް މިވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. އީދު ބަންދަށް ފަހު ސްކޫލްތައް ހުޅުވުނުއިރު، ބަލިވެގެން ސްކޫލަށް ނާދެވޭ ކުދިންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަމަށް އެ ރަށުން ވާހަކަދެއްކި ޓީޗަރަކު ބުންޏެވެ. އެގޮތުން ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުންގެ އާބާދީއެއް އޮންނަ ލަންދޫ ސްކޫލަށް އިއްޔެ ހާޒިރުވެފައިވަނީ އެންމެ 150 ކުދިންނެވެ.
ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދު ކުއްލިއަކަށް މަދުވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލް ބަންދުކުރުމުގެ ހުއްދައަކަށް ސިއްހީ މަރުކަޒުން އެޗްޕީއޭގައި އެދުނެވެ. ނަމަވެސް އެޗްޕީއޭއިން ލަފާ ދިނީ، ކިޔެވުން މެދުކަނޑާލުމުގެ ކުރިން ބަލީގެ ހަގީގަތް ދެނެގަތުމަށް ޓެސްޓުތައް ހެދުމަށެވެ. އެ އިދާރާގެ އިރުޝާދާ އެއްގޮތަށް، ރަށުން އިންފްލުއެންޒާ އާއި ކޮވިޑްގެ ސާމްޕަލް ނެގުމުގެ ތައްޔާރީތައް ސިއްހީ މަރުކަޒުން މިހާރު ދަނީ ކުރަމުންނެވެ.
މި ދަނޑިވަޅަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާގެ ކޭސްތައް އާދަޔާ ހިލާފަށް އިތުރުވަމުންދާ ދުވަސްވަރެކެވެ. މީގެއިތުރުން މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ވެސް ދާދިފަހުން ފެނިފައިވާތީ، އީދު ބަންދުގެ ދަތުރުފަތުރުތަކަށް ފަހު ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ ކުރިން ވެސް ބާރުއަޅާފަ އެވެ.
ނިއުކްލިއާ ޕްރޮގްރާމް ހުއްޓާނުލާނަމަ އީރާނަށް ލުޔެއް ނެތް: ރޫބިއޯ
ހިތަދޫ އެކްސިޑެންޓް: 3 ކުދިންގެ ބައްޕަ މަރާ ހަނގުރާމަކުރަނީ