ކޮންމެ ދުވަހަކު ހެނދުނު ހޭލަން އަހަރެމެން މި ބޭނުންކުރާ ފޯނުގެ އެލާމް އަޑަކީ ފަހަރުގައި ދުނިޔޭގައި ވާ އެންމެ ފޫހި އަޑަށް ވެދާނެ އެވެ. "ސްނޫޒް" ކޮށްލާފައި އަދި ކުޑަ އިރުކޮޅަކަށް އޮވެލުމަކީ އަހަރެމެންގެ އާދަ އެކެވެ.

ނަމަވެސް ފޯނާއި ޑިޖިޓަލް ގަޑިތައް އުފެދުމުގެ ކުރިން، އަދި ސިނާއީ އިންގިލާބުގެ ކުރީކޮޅު މީހުން ހެނދުނު ހޭލީ ކިހިނެއް ހެއްޔެވެ؟ އޭރު "ސްނޫޒް" ފިތެއް ނެތެވެ. އެ ޒަމާނުގެ މީހުން ހެނދުނު ގަޑިއަށް ހޭލަން ބޭނުންކުރި ހައިރާންކުރުވަނިވި ބައެއް އުކުޅުތަކަށް ބަލާލަމާ ހެއްޔެވެ؟

1. ކޮންމެ ދުވަހަކު 'ކުޑަކަމުދާން' ޖެހޭ ގަޑި ސެޓްކުރުން

މިއީ އެންމެ އިހުގެ އިންސާނުން ބޭނުންކުރި "ބަޔޮލޮޖިކަލް" އެލާމެވެ. އެމެރިކާގެ އަދި އެހެނިހެން ސަރަހައްދުތަކުގެ ގަދީމީ ގަބީލާތަކުގެ މީހުން ހެނދުނު ވަކި ގަޑިއަކަށް ހޭލުމަށްޓަކައި ނިދުމުގެ ކުރިން ގިނަ އަދަދަކަށް ފެން ބޮއެގެން ނިދަ އެވެ.

ގިނައިން ފެން ބުއިމުން ހެނދުނު އަލި ފާޅުވާން ވާއިރަށް ކުޑަކަމުދާން ހޭލެވޭނެކަން އެމީހުންނަށް ކަށަވަރެވެ. މި އުކުޅަށް "ވޯޓާ ކްލޮކް" އޭ ވެސް ކިޔައި އުޅުނެވެ.

2. އުުުުއްބައްތިއާއި މޮހޮރުގެ އެލާމް

ޗައިނާއާއި ޔޫރަޕްގެ ތާރީހުން ފެންނަން އޮތް ގޮތުގައި، މީހުން ވަކި ވަގުތަކަށް ހޭލަން އުއްބައްތި ބޭނުންކުރި އެވެ. މިއީ ވަރަށް ވިސްނުންތެރި ގޮތެކެވެ.

އުއްބައްތި ގަޑި

އުއްބައްތި ވިރެމުންދާ ދުވެލި ބަލާފައި، ހޭލަން ބޭނުންވާ ގަޑިއާ ދިމާލަށް އުއްބައްތީގެ ތެރެއަށް ދަގަނޑު މޮހޮރެއް ހަރާލަ އެވެ. އަދި އުއްބައްތީގެ ދަށުގައި ތާހެއް ނުވަތަ ދަގަނޑު ތަބަކެއް ބަހައްޓައެވެ. އުއްބައްތި ވިރެމުން ގޮސް އެ ހިސާބަށް ދިއުމުން، މޮހޮރު ނެއްޓިގެން ގޮސް ތަބަކަށް ވެއްޓި، ގަދަ އަޑެއް އިވިގެން މީހާއަށް ހޭލެވެއެވެ.

3. ކުޑަދޮރުގައި ޓަކިޖަހައިދޭ މީހުން

ސިނާޢީ އިންގިލާބާއެކު އިނގިރޭސިވިލާތާއި އަޔަލޭންޑުގެ ކާރުހާނާ ތަކުގައި މަސައްކަތްކުރާ މީހުން ގަޑިއަށް ދާން ޖެހުނެވެ. އެހެންކަމުން "ނޮކާ-އަޕާ"ގެ ނަމުގައި އާ ވަޒީފާއެއް އުފެދުނެވެ.

މީހުން ހޭލެއްވުމުގެ ވަޒީފާ އަދާކުރި މީހެއް

މި މީހުންގެ މަސައްކަތަކީ ހެނދުނު ހެނދުނާ ހިނގާފައި ގޮސް، ފައިސާ ދީފައި ތިބޭ މީހުންގެ ގޭގޭގެ ކުޑަދޮރުތަކުގައި ދިގު ދަނޑިތަކުން ޓަކި ޖަހައި ނުވަތަ ހޮޅިއަކުން ހިކި މުގު ބޮޅުތަކެއް ދޮރަށް ޖަހައިގެން މީހުން ހޭލެއްވުމެވެ. އެމީހުން ދޮރު މަތިން ދަނީ ކޮޓަރީގައި ހުރި މީހާ ހޭލައި، ދޮރުން ބޯ ދިއްކޮށްލުމުންނެވެ.

"ނޮކާ-އަޕަރުން" ހޭލީ ކިހިނެއް؟

މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި މަސައްކަތް ކުރީ ގިނައިން ރޭގަނޑު ހޭލައިގެން އުޅޭ ފާރަވެރިންނެވެ. ނުވަތަ ދުވާލު ނިދާފައި ރޭގަނޑު ހޭލާ ތިބޭ މީހުންނެވެ.

4. ކާރުހާނާތަކުގެ ބޮޑު ސައިރަން

ސިނާއީ ސަހަރުތަކުގައި، މީހުން ހޭލަން ވަކި އެލާމެއް ބޭނުން ކުރާކަށް ނުޖެހެ އެވެ. ކާރުހާނާތައް ހުޅުވާ ގަޑިއަށް، މުޅި ސަހަރަށް އިވޭނޭހެން ބާރުގަދަ ސައިރަން އަޅަ އެވެ. އެ އަޑަށް މުޅި އަވަށުގެ މީހުން އެކީގައި ހޭލައިގެން މަސައްކަތަށް ދެ އެވެ.

މިއަދު އަހަރެމެން ފޯނުން ބޭނުން ގަޑިއަކަށް، ބޭނުން ލަވަޔަކާއެކު އެލާމް ސެޓް ކޮށްލެވެން އޮތުމަކީ ކިތަންމެހާ ވެސް ބޮޑު ފަސޭހަ އެކެވެ.

ނަމަވެސް މާޒީގެ މީހުން ގަޑިއަށް ހޭލަން ގެންގުޅުނު މިފަދަ އުކުޅުތަކުން އެނގެނީ، ކޮންމެ ޒަމާނެއްގައިވެސް އިންސާނާގެ ވިސްނުންތެރި ކަމުން ކަންކަމަށް މަގު ހޯދާފައިވާ މިންވަރެވެ.

ކުރިއަށް އޮތް ފަހަރު ފޯނުގެ އެލާމް އަޑުއިވުމުން، މޮހޮރު ވެއްޓޭ އަޑަށް ނުވަތަ ދޮރުގައި ދަނޑިން ޓަކިޖަހާ އަޑަށް ހޭލަން ނުޖެހޭތީ ހިތާހިތުން އުފާކޮށްލުން ރަނގަޅުވާނެއެވެ!