މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުލުހުންނާ ގުޅިގެން މާފުށީ ޖަލުގައި ހާއްސަ ސާޗް އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ. މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައި ނުވެ އެވެ.

ކަރެކްޝަންސް އިން ބުނީ ޖަލުގެ ތެރޭގައި މަނާ ތަކެތި ގެންގުޅޭ މައްސަލަތަކާއި، ޖަލުގައި ތިބޭ ފަރާތްތަކުން ބޭރު ދުނިޔެއަށް އަމާޒުކޮށް ހިންގާ ސްކޭމްގެ އަމަލުތައް ހުއްޓުވުމަކީ މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު އެއް މަގުސަދު ކަމަށެވެ. މީގެ ކުރިން ވެސް މިފަދަ ބޮޑެތި އޮޕަރޭޝަންތައް މާފުށީ ޖަލުގައި ހިންގާފައިވެ އެވެ.

ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލުގައި ވަނީ ޒަމާނީ ފެންވަރުގެ ބެގެޖް ސްކްރީން މެޝިނެއް ބަހައްޓައިފަ އެވެ. މި މެޝިން މެދުވެރިކޮށް ޖަލަށް އެތެރެވާ ތަކެތި މިހާރު ފާސްކުރަމުން ދެ އެވެ. އަދި މީގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައި، އޭޕްރީލް މަހުން ފެށިގެން އެ މެޝިން ވެސް އަންނަނީ ބޭނުންކުރަމުންނެވެ.