މަޝްހޫރު ލަވަކިއުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖް ލީޑް ރޯލުން ފެނިގެންދާ އަދި ގިނަ ބައެއްގެ މެދުގައި ބޮޑު ބަހުސަކަށް ވެފައިވާ ފިލްމު 'ސަތުލުޖް' އިންޑިއާގެ އޯޓީޓީ ޕްލެޓްފޯމް "ޒީ5"އިން ކުއްލި ގޮތަކަށް "ބޭން"ކޮށް އެ ޕްލެޓްފޯމުން ނަގައިފި އެވެ.
ޖުލައި 3 ގައި ރިލީޒްކުރި މި ފިލްމަށް ދެ ދުވަސް ނުވަނީސް އިންޑިއާގައި އެ ފިލްމު ބެލުން މަނާކުރީ ސަރުކާރުގެ "ސަލާމަތީ ކަންބޮޑުވުންތަކަކާ" ހުރެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ފިލްމަކީ ކުރިން 'ޕަންޖާބު 95' އަދި 'ގައްލޫގާރާ' ގެ ނަމުގައި އުފެއްދި، ނަމަވެސް އިންޑިއާގެ ސެންސަރު ބޯޑުން 127 ކަޓް ގެންނަން އެންގުމުން ސިނަމާތަކަށް ނެރެވޭ ގޮތް ނުވެ، ތިން އަހަރު ވަންދެން ހިފެހެއްޓިފައި އޮތް ފިލްމެކެވެ.
އެންމެ ފަހުން އުނިއިތުރެއް ނުގެނެސް 'ސަތުލުޖް'ގެ ނަމުގައި ސިއްރިއްޔާތުގައި ޒީ5 އަށް ދޫކޮށްލިތާ ދެދުވަސް ތެރޭގައި އިންޑިއާ ސަރުކާރުގެ އެންގުމަކަށް އެ ފިލްމު ވަނީ ނަގާފަ އެވެ. ނަމަވެސް އިންޑިއާއިން ބޭރުގެ ގައުމުތަކަށް އަދިވެސް މި ފިލްމު ބެލެ އެވެ.
ޖަސްވަންތު ސިންގް ހަލްރާ އަކީ ކާކު؟
ދިލްޖީތު ދޮސާންޖް މި ފިލްމުގައި ކުޅެފައިވަނީ ޕަންޖާބުގެ މަޝްހޫރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރި އެކްޓިވިސްޓް ޖަސްވަންތު ސިންގް ހަލްރާގެ ބަޔޮޕިކް ނުވަތަ ހަގީގީ ދިރިއުޅުމުގެ ރޯލެވެ.
1980 އާއި 1990 ގެ އަހަރުތަކުގައި ޕަންޖާބުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި، ޕަންޖާބު ފުލުހުން ގާނޫނާ ހިލާފަށް އެތައް ހާސް ސިކް ދީނުގެ ޒުވާނުންތަކެއް ހައްޔަރުކޮށް، މަރާލުމަށްފަހު "އެނގިފައިނުވާ ގަބުރުތަކެއް"ގެ ގޮތުގައި ސިއްރިއްޔާތުގައި އަންދާލާފައި ވާކަން ހަލްރާ ހޯދި އެވެ. އޭނާ ވަނީ މިފަދަ 25,000 އެއްހާ މީހުންގެ ރެކޯޑްތައް އެއްކޮށް، ދުނިޔޭގެ ސަމާލުކަމަށް މިކަން ގެނެސްފަ އެވެ.
މި މައްސަލަ ބޮޑުވެ، ފުލުހުންގެ އަނިޔާވެރިކަން ފަޅާ އަރުވާލުމުން، 1995 ވަނަ އަހަރު ހަލްރާ އޭނާގެ އަމިއްލަ ގޭގެ ބޭރުގައި ހުއްޓާ ފުލުހުން އޭނާ ވަގަށް ނެގި އެވެ. އަދި ހައްޔަރުގައި ބަހައްޓައިގެން އަނިޔާކުރުމަށްފަހު މަރާލައި، އޭނާގެ ހަށިގަނޑު ސަތުލުޖް ކޯރަށް އެއްލާލީ އެވެ. 2005 ގައި އިންޑިއާގެ ކޯޓުން ވަނީ މިކަމުގައި ބައިވެރިވި ފުލުހުން އުމުރަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.
ފިލްމު މާ ބޮޑު މައްސަލަޔަކަށްވީ ކީއްވެ؟
މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާ ސަރުކާރާއި ފުލުހުންގެ މުއައްސަސާގެ އަނދިރި އަދި އަނިޔާވެރި ސިޔާސަތު ތަކެވެ. ސަރުކާރުން ބޭނުންވާ ތާރީހީ ދިފާއީ ނެރެޓިވްއާ މި ފިލްމު ދިމާނުވުމުން، ސެންސަރު ބޯޑުން ބުނީ މި ފިލްމުގެ ސަބަބުން ސިކް ޒުވާނުންގެ މެދުގައި ހަރުކަށި ފިކުރު އުފެދި، ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ.
ފިލްމު ބޭން ކުރުމާ ގުޅިގެން ދިލްޖީތު ކުރި ޕޯސްޓެއްގައި ބުނީ، "ޝަހީދު ޖަސްވަންތު ސިންގް ހަލްރާއަށް ދިމާވި ހާލަތު (ނައްތާލުން)، މިއަދު މި ފިލްމަށްވެސް މިވަނީ ދިމާވެފައި" ކަމަށެވެ. އޭނާ ވަނީ ފިލްމު ބޭންކުރާނެކަން ކުރިންވެސް އެނގޭތީ، ބެލުންތެރިންގެ ކިބައިން ފިލްމު ޑައުންލޯޑްކޮށްގެން ނަމަވެސް ބެލުމަށް އެދިފަ އެވެ. ޕަންޖާބުގެ ސިޔާސީ ލީޑަރުންވެސް އަންނަނީ މިއީ "ހަގީގަތް ފޮރުވަން" ސަރުކާރުން ކުރި ކަމެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.
ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު ސަސްޕެންޑްކޮށްފި
ހިމަބިއްސާ ގުޅޭ ސުވާލުތަކަށް މިނިސްޓަރުގެ ޖަވާބެއް ނެތް
ޕެނަލްޓީ ޖަހައިގެން ސުވިޓްޒަލެންޑް މޮޅުވެއްޖެ