ޓައިފޫން ބާވީގެ ބާރުގަދަ ވަޔާއި ވިއްސާރަ ޖަޕާނުގެ ދެކުނު ރަށްތަކަށް ކުރިމަތިވެ، ތައިވާނުން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި އެވެ.
ބާރުގަދަ ރޯޅިތަކާއެކު ދަތުރުކުރަމުންދާ ޓައިފޫން ބާވީ ހޮނިހިރު ދުވަހު ޖަޕާނުގެ ދެކުނުގައިވާ ސަކިޝިމާ ރަށްތަކަށް އަރައި، ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ހިނގައިދާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފަ އެވެ.
މި ބާރުގަދަ ތޫފާނާ ގުޅިގެން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު އޮތުމާއެކު، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ތޫފާނުގައި ގަޑިއަކު 144 ކިލޯމީޓަރު (90 މޭލު) ވައިޖެހި އަދި ކޮޅިގަނޑުގައި ގަޑިއަކު 198 ކިލޯމީޓަރަށް ވައިޖެހޭނެ ކަމަށް ލަފާކޮށް ކަމާބެހޭ ފަރާތްތަކުން ވަނީ އިންޒާރު ނެރެފަ އެވެ.
ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ އިޝިގާކީގެ ފެރީގެ ހިދުމަތާއި ފްލައިޓްތައް ހޮނިހިރު ދުވަހު މުޅިން މެދުކަނޑާލާފައި އޮތްއިރު، އެއާލައިންތަކުން ވަނީ 345 ފްލައިޓް ކެންސަލްކޮށްފަ އެވެ. އަދި އޮކިނާވާގެ 24،000 އަށްވުރެ ގިނަ ގޭބިސީން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފަ އެވެ.
ޖެހިގެން އޮތް ތައިވާނަށް ބާވީގެ އަސަރު ފޯރަމުންދާއިރު، އެ ގައުމުގެ ފަރުބަދަމަތީ ހިސާބުތަކުގައި ދިރިއުޅޭ 14،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. ބާވީގެ ބާރު ދަށްވަމުން ދިޔަ ނަމަވެސް އަދި ތައިވާނަށް ސީދާ މި ތޫފާން ނޭރި ނަމަވެސް، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ، ފުރާނައަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އެ ގައުމުގެ ސަރުކާރުން ދަނީ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ.
ރައްކާތެރި ހިސާބުތަކަށް ބަދަލުކުރި ގިނަ މީހުންނަކީ އުތުރާއި އިރުމަތީ ސަރަހައްދުތަކުގެ މީހުންނެވެ. އަދި ބައިނަލްއަގުވާމީ 920 ފްލައިޓަކާއި އެތެރޭގެ އުދުހުންތަކުގެ 280 ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ. ތައިވާނުގެ ގާތްގަނޑަކަށް ހުރިހާ ސިޓީތަކާއި ކައުންޓީތަކެއްގައި ހޮނިހިރު ދުވަހަކީ ތޫފާނާ ގުޅިގެން ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި، އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް އުތުރާއި ދެކުނު ގުޅުވައިދޭ ހައި-ސްޕީޑް ރޭލުގެ ހިދުމަތް މަދު ދަތުރުތަކަކާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.
ތައިޕޭގެ ބެއިޓޯ ސަރަހައްދުގައި ގަޑިއަކު 100 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހި، ގަސްތައް ވެއްޓި ކޯރުތަކުގެ ފެންގަނޑު ވަނީ ބޮޑުވެފަ އެވެ. އާދީއްތަ ދުވަހުގެ ކުރީކޮޅު ޗައިނާގެ އިރުމަތީ ސިޓީއެއް ކަމަށްވާ، 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވެންޒޫއަށް މި ތޫފާން އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ދުނިޔޭގެ އެންމެ މާޔޫސް ކުރުވަނިވި ފަތުރުވެރި މަންޒިލްތައް!
ދިރާގު "ވިން 2 ސްޕީޑްބޯޓްސް"ގެ ފަހު ނަސީބުވެރިޔާ ހޮވައިފި
ހޫނުގަދަވެ ޖަރުމަނުގައި 5000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ