ވިހަ މައްދާއެއް އެކުނުލެވޭ، ކާނާގެ ގޮތުގައި ހިމެނޭ ކޮންމެ ކާއެއްޗެއް ކައިގެން ވެސް އިންސާނުންނަށް ދިރި ހުރެވެ އެވެ. އެހެން ނަމަވެސް، ވަކި ކާނާއެއް މީރުވެ، އެ ކާނާ އެއް ހޯދުމަށް އޭނާގެ ހިއްސުތައް ބޭނުން ކުރެ އެވެ. މަދިރި ވެސް އޭތީގެ ހިއްސުތައް ބޭނުންކޮށްގެން ވަކި މީހެއްގެ ގައިން ލޭބޯކަން ސައިންސްވެރިން ފާހަގަ ކުރެ އެވެ. މިތަނުގައި ފާހަގަ ކުރުން މުހިންމު ނުކުތާއަކީ އިންސާނުންގެ ގައިން ލޭ ބޮނީ ހަމައެކަނި އަންހެން މަދިރި ކަމެވެ. އޭތި އިންސާނުންގެ ގައިން ލޭ ބޯން ޖެހެނީ ދަރިމައި ކުރުމުގެ މަސައްކަތަށް ބޭނުންވާ ހާއްސަ ޕްރޮޓީންއެއް އިންސާނުންގެ ލެއިން ހޯދަން ޖެހޭތީ އެވެ.
ކޮންމެ ލެއަކުން ވިއަސް މި ބޭނުން ފުދޭއިރު ނުވަތަ ފުރިހަމަ ކުރެވޭއިރު، ވަކި ވައްތަރެއްގެ ލެއަކަށް ނުވަތަ ވަކި މީހެއްގެ ގައިން ލޭ ބުއިމަށް އޭތި ބޭނުންވުމަކީ ވެސް އޭތީގެ ހިއްސުތަކުން ކޮންޓްރޯލްކުރާ ކަމެކެވެ. ވީމާ ވަކި މީހެއްގެ ލެއަށް މަދިރި މާބޮޑަށް ދޯޅުވެފައި އެހެން މީހުންގެ ލެއަށް މަދިރި ދޯޅު ނުވުމަކީ ވެދާނެ ކަމެކެވެ.
އެކަމުގައި ފޮރުވިފައިވާ ހަގީގަތްތަކެއް ސައެންސްވެރިން ވަނީ ދެނެގަނެފަ އެވެ. މަދިރިއާ ބެހޭ ދިރާސާތައް ކުރާ ބޭފުޅުން ވިދާޅުވާ ގޮތުގައި އިންސާނެއްގެ ހަށިގަނޑަށް މަދިރި ލޭބޯން ޖެއްސުމުގެ ކުރިން އެ މީހެއްގެ ހަށިގަނޑުން ގިނަ ސިގްނަލްތަކެއް މަދިރިއާ ހަމައަށް ފޯރަ އެވެ. އެ ސިގްނަލްތަކުގެ ތެރޭގައި ނޭވާގެ ވަސް އަދި ހަށިގަނޑުން ނުކުންނަ ވަސް ހިމެނެ އެވެ.
ސައިންސްވެރިންނަށް ހޯދުނު ގޮތުގައި އަންހެން މަދިރީ ލޭ ބޯނެ މީހަކު ފާހަގަކުރުމުގައި އޭތީގެ ފެނުމުގެ ހިއްސާއި ވަސް ބެލުމުގެ ހިއްސު މުހިންމު ރޯލެއް އަދާކުރެ އެވެ. އެގޮތުން އޭތި ޓާގެޓްކުރާ މީހާގެ 10 ފޫޓު ދުރުން އޭނާގެ ގައިން ބޭރުވާ ކާބަންޑައި އޮކްސައިޑް އަދި ހަށިގަނޑުގެ ވަސް މަރިދި ދެނެގަނެ އެވެ.
ބޮޑެތި މީހުންނާއި މާބަނޑު އަންހެނުންނާ މަދިރި މާދޯޅު
ކުޑަކުދިންނަށް ވުރެ ބޮޑެތި މީހުންނަށް މަދިރި ބޮޑަށް ޓާގެޓް ކުރެ އެވެ. އެއީ ކުޑަކުއްޖަކަށް ވުރެ ބޮޑެތި މީހުން ކާބަންޑައި އޮކްސައިޑް ބޭރުކުރާ މިންވަރު އިތުރުވީމަ އެވެ. މަދިރި ހިފުމަށް ބޭނުންކުރާ އާލާތްތަކުގައި ކާބަންޑައި އޮކްސައިޑް ހިމަނާފައި ހުންނަނީ މި ސަބަބަށްޓަކަ އެވެ.
އިންސާނާގެ ހަށިގަނޑުގެ ހޫނަކީ ވެސް މަދރި ދޯޅުވާ އެއްޗެކެވެ. މިސާލަކަށް ހަތަރު މީހަކު އެއްކޮށް ތިބޭއިރު އެތަނުން އެކެއްގެ ގައިން މަދިރި ހަފާ ސަބަބަކަށް އޭނާގެ ގައިން ނުކުންނަ ހޫނު ހިމެނެ އެވެ.
މާބަނޑު އަންހެނުންނަކީ ވެސް މަދިރި އެ މީހުންގެ ގައިން ލޭބޯން ބޭނުންވާ މާ ހާއްސަ ބައެކެވެ. ސަބަބަކަށް ވަނީ އެ މީހުންގެ ހަށިގަނޑުން ހަކަތަ އާއި ކާބަންޑައި އޮކްސައިޑް ބޭރުކުރާ މިންވަރު އެހެން އަންހެނުންނަށް ވުރެ އިތުރުވުމެވެ.
ކަސްރަތު ކުރާ މީހުން ކަސްރަތު ކުރާ ވަގުތުތަކުގައި އެ މީހުންނާ މަދިރި ދޯޅުކަމަށް ވެސް ސައިންސްވެރިން ދެނެގަނެވިފައިވެ އެވެ. އެއީ ކުރިން ބުނެވިދިޔަ ފަދައިން ކަސްރަތު ކުރާ ވަގުތު ހޫނާއި ކާބަންޑައި އޮކްސައިޑް އެ މީހުންގެ ހަށިގަނޑުން ބޭރުކުރާ މިންވަރު އިތުރު ވާތީ އެވެ.
މަދިރި ލޭ ބުއިމުގައި ވަކި މީހަކު ހާއްސަ ކުރަނީ އެ މީހެއްގެ ފަރާތުން ލިބޭ ހޫނާއި ބޭރުކުރާ ކަބަންޑައި އޮކްސައިޑްގެ މައްޗަށް ބަލައިފަ އެވެ. މަދިރިއަކީ ބަލި ފަތުރާ ވަސީލަތަކަށް ވާއިރު، އޭތިން ސަލާމަތް ވެ ހުރުމަށް މަދިރިގެ، މަދިރި ލޯޝަން، ނުވަތަ އެ ނޫންވެސް އަލާތްތައް ބޭނުން ކުރުމަކީ މުހިންމުކަމެވެ.