ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމަރުންނަށް ރެކޯޑް އަދަދަކަށް ޑޮލަރު ވިއްކާފައިވާ ކަމަށް ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި ތަފާސްހިސާބުގެ ތެރޭގައި އެ ބޭންކުން މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފާސް (ޓީޓީ)، ތައުލީމު، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ބޭނުންތަކަށް ވިއްކި ޑޮލަރު ހިމެނެ އެވެ. މިގޮތުން 2024 ޖެނުއަރީ މަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް، ބީއެމްއެލްއިން ކަސްޓަމަރުންނަށް 1.7 ބިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތުގައި (ޖުލައި 2021 އިން ޑިސެންބަރު 2023 އަށް) ވިއްކި 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު 77 ޕަސެންޓް ނުވަތަ 741 މިލިއަން ޑޮލަރުގެ އިތުރުވުމެއް ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަކަށް ވެސް ކަސްޓަމަރުންނަށް ޑޮލަރު ވިއްކަމުންދާ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކާޑުގެ މުއާމަލާތްތަކަށް ބަލާއިރު މިދިޔަ ދެ އަހަރާ ބައިގެ މުއްދަތުގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް 870 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނިގޮތުގައި މިއީ އޭގެ ކުރީ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އަދި 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު މި ބޭނުމަށް ވިއްކާފައިވާއިރު، މި އަހަރު އެވްރެޖްކޮށް މަހަކަށް މިދަނީ 37.8 މިލިއަން ޑޮލަރު ވިއްކަމުން ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ 2023 ވަނަ އަހަރު އެވްރެޖްކޮށް ޓީޓީ ފޮނުވުމަށް މަހެއްގެ މައްޗަށް ބޭންކުން ވިއްކާފައި ވަނީ 10.2 މިލިއަން ޑޮލަރު ކަމަށެވެ. އަދި މިއަހަރު ތެރޭގައި އެ ބޭންކުން އެވްރެޖްކޮށް މަހެއްގެ މައްޗަށް 28 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ތައުލީމާއި ބޭސްފަރުވާއަށް ވިއްކި ބޭރު ފައިސާގެ މިންވަރަށް ބަލާއިރު 2023 ވަނަ އަހަރު މަހަކަށް ވިއްކާފައި ވަނީ 2.9 މިލިއަން ޑޮލަރު ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. އަދި 2024 ގައި މިއަދަދު ހަތަރު މިލިއަން ޑޮލަރަށް އަދި 2025 ގައި ފަސް މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ މިއަހަރު ބޭންކުން އަންނަނީ މަހަކަށް 5.8 މިލިއަން ޑޮލަރު ވިއްކަމުން ކަމަށެވެ. މިއީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށާއި ބޭސްފަރުވާ ހޯދާ އާއިލާތަކަށް ލިބުނު ބޮޑު އެހީތެރިކަމެއް ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ ޖެނުއަރީ 2021 އިން ފެށިގެން ޑިސެންބަރު 2023 ގެ ނިޔަލަށް ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ޖަނަވަރީ 2024 އިން ފެށިގެން ޖޫން 2026 ގެ ނިޔަލަށް 264 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ. މިއީ ގާތްގަނޑަކަށް 70 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި މިއަހަރުގެ ވޭތުވެދިޔަ ހަ މަސްދުވަހުގެ މުއްދަތަށް ބަލާއިރު މަހަކަށް 8.5 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
"މި އަދަދު ތަކުން ދައްކައިދެނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބީއެމްއެލްއިން ބަހައްޓާ ސާބިތުކަން ހާމަކޮށްދޭ ކަން. ބޭރު ފައިސާގެ ބޭނުންތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާއިރު، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ތަޢުލީމާއި، ބޭސްފަރުވާ، ދަތުރުފަތުރު އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް އިސްކަންދޭ،" އެ ބޭންކުން ބުނެ އެވެ.
ޒުވާނުންގެ ހިތުގެ ދުޅަހެޔޮ ކަމަށް ފަލަބަލިން ރައްކާތެރިވާން ޖެހޭ!
ބެލިންހަމް ދެ ލަނޑާއެކު ނޯވޭ ބަލިކޮށް އިންގްލެންޑް ކުރިޔަށް