ސީރިޔާ އާއި ލުބުނާނުގެ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ބޭލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަންގަވައިފި ކަމަށް އެކްސިއޯސް ނިއުސްއިން ރިޕޯޓްކޮށްފި އެވެ.
އެމެރިކާ އާއި އިޒްރޭލުގެ އިސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވައި ޓްރަމްޕް ވަނީ، ސީރިޔާގެ ދެކުނުގައި އިޒްރޭލު ސިފައިން ތިބުމަކީ މަސްރަހު އިތުރަށް ގޯސްވެ، ހަމަނުޖެހުންތައް އިތުރުވެދާނެ ކަމެއް ކަމުގެ އިންޒާރު ދެއްވާފަ އެވެ.
އަދި ސީރިޔާގެ ރައްޔިތުން އިޒްރޭލު ސިފައިން އެ ގައުމުގައި ތިބެން ބޭނުންނުވާ ކަމަށާއި، އެހެންކަމުން ސީރިޔާގެ ހާއްސަ ސަރަހައްދުތަކުން ސިފައިން ބޭލުމަށް ޓްރަމްޕް އެދިވަޑައިގަތެވެ. މީގެ އިތުރުން ލުބުނާނާ ގުޅޭގޮތުން ވެސް މިފަދަ އިލްތިމާސެއް ޓްރަމްޕް ކުރެއްވި ކަމަށް އެ ރިޕޯޓުގައިވެއެވެ.
ނަމަވެސް، އިޒްރޭލުގެ ރައްކާތެރިކަމަށްޓަކައި ބޯޑަރު ސަރަހައްދުތަކުގައި ސެކިއުރިޓީ ޒޯންތަކެއް ބެލެހެއްޓުން މުހިންމު ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވާ ކަމަށް އޭނާގެ އޮފީހުން މައުލޫމާތުދެ އެވެ.
މި މަޝްވަރާތައް ހިނގާފައިވަނީ ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓުގެ ހަވާސާގައި، ސީރިޔާގެ ވަގުތީ ރައީސް އަހުމަދު އަލް-ޝަރާއާ ޓްރަމްޕް ބައްދަލުކުރެއްވިތާ އެއްދުވަސް ފަހުންނެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުމާ ގުޅިގެން، އިޒްރޭލުން ހިފާފައިވާ ސީރިޔާގެ ބިންތަކުން ސިފައިން ބޭލުމާ ގުޅޭގޮތުން އެމެރިކާއިން އައީ މަސައްކަތްތަކެއް ކުރަމުންނެވެ. އެކްސިއޯސްއިން ބުނާ ގޮތުގައި މި މަސައްކަތްތައް މަޑުޖެހިފައިވަނީ، ދޭންޖެހޭ ލުއިތައް ދިނުމަށް ނަތަންޔާހޫ ދެކޮޅު ހެދުމުންނެވެ.
ހަމައެއާއެކު، އިޒްރޭލާއި ލުބުނާނާ ދެމެދު އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ވެސް ވޮޝިންޓަނުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހަފުތާގައި ރޯމްގައި ބޭއްވި މަޝްވަރާތަކުގައި، ލުބުނާނުގެ ސިފައިންނަށް އެ ސަރަހައްދުތަކާ ހަވާލުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ލުބުނާނުގެ ދެ ސަރަހައްދަކުން ފޭބުމަށް އިޒްރޭލުން ވަނީ އެއްބަސްވެފަ އެވެ.
މިކަމާ ގުޅޭގޮތުން ލުބުނާނުން ބޭނުންވަނީ އިޒްރޭލު ސިފައިން އެއްކޮށް ފޭބުމުގެ ތާވަލެއް ކަނޑައެޅުމަށެވެ. ނަމަވެސް އިޒްރޭލުން ބުނަނީ އެ ސަރަހައްދުތަކުން ސިފައިން ބާލާނީ ހިޒްބުاللهގެ ހަތިޔާރާއި ވަސީލަތްތައް އެތަނުގައި ނެތްކަން ކަށަވަރުވުމުން ކަމަށެވެ.
މި ރިޕޯޓާ ގުޅޭގޮތުން ވައިޓް ހައުސްއިން ވަކި އެއްޗެއް ބުނަން އިންކާރު ކުރި ނަމަވެސް، އެ ފޯން ކޯލްގައި ދެކެވުނު ވާހަކަތައް ދޮގެއް ނުކުރެ އެވެ.
ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާނުންނަށް ލޯނެއް
ހޯރަފުށީގައި ކުދިންތަކެއް މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ